ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލައި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސް ނުކުރެވިއްޖެނަމަ، މި ޤަރުނު ނިމޭއިރު ދުނިޔޭގެ ހޫނުމިން 2.5 ޑިގްރީ ސެލްސިއަސްއަށް އުފުލި، ނުރައްކާތެރި މޫސުމީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ދެއްވައިފިއެވެ.
ތުރުކީގެ އަންތާލިއާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ މަހާސިންތާ (ކޮޕް31) ގެ ހަވާސާގައި ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވީ، ޤައުމުތަކުން މިހާރު ވެފައިވާ ވަޢުދުތަކަށް ބަލާއިރު ދުނިޔެ މިސްރާބު ޖަހާފައިވަނީ ނުރައްކާތެރި ހާލަތަކާ ދިމާލަށް ކަމަށެވެ.
މޫސުމީ ކާރިސާގެ އަސްލަކީ ތެލާއި ގޭހުގެ ބާވަތްތައް ނުވަތަ ފޮސިލް ފިއުލްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ބާވަތްތައް އުފެއްދުމާއި ބޭނުންކުރުން މަދުކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ރައްކާތެރި މޫސުމެއް ކަށަވަރުކުރުމަށް އޮތް ހަމައެކަނި އިތުބާރު ހުރި މަގު ކަމަށެވެ.
ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ވަގުތީގޮތުން ނަމަވެސް ދިއުމަކީ މިހާރު ހުއްޓުވޭނެ ކަމެއް ނޫންކަން ގުޓަރޭޒް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ހޫނުމިން އުފުލޭ މިންވަރާއި އެކަން ދެމިގެންދާ މުއްދަތު ވީހާވެސް ކުޑަކޮށް، ވީއެންމެ އަވަހަކަށް ފިނިހޫނުމިން އަލުން އެ މިންގަނޑަށްވުރެ ތިރިއަށް ގެނައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް އަހަރަކު ގާތްގަނޑަކަށް 6 އިންސައްތަ ދަށްކުރަން ޖެހޭނެކަމަށް ގުޓަރޭޒް ވިދާޅުވިއެވެ.
ތަރައްޤީވެފައިވާ ޤައުމުތަކުން މޫސުމީ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ ވަޢުދުތައް ފުއްދައި، ވިހަ ގޭސް މަދުކުރުމުގެ މަސައްކަތް ހަލުވިކުރުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ހަމައެއާއެކު، ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުންވެސް ފޮސިލް ފިއުލް ދޫކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރުމަށް ގުޓަރޭޒް ގޮވާލެއްވިއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެ ބަދަލުތަކަށް ހޭނުމަށާއި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އިތުރު މާލީ އަދި ފަންނީ އެހީތެރިކަން ބޭނުންވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ނޮވެންބަރު މަހުގެ 9 އިން 20 އަށް ތުރުކީގެ އަންތާލިއާގައި ކުރިއަށްދާ ކޮޕް31 މަހާސިންތާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު، މިއީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ގުޓަރޭޒް ބައިވެރިވެވަޑައިގަންނަވާ އެންމެ ފަހު މޫސުމީ މަހާސިންތާއެވެ.









