ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅު ހެދުމުގެ ގޮތުން ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އިސްވެހުންނަވައިގެން މިރޭ މާލޭގައި ބޭއްވި އެއްވުމަށް އިންތިޒާމުކުރި ފަރާތްތަކުން އުންމީދުކުރި މިންވަރާ ގާތަށްވެސް މީހުން ޙާޟިރުވެފައި ނުވާކަން ހާމަވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފް ގުޅިގެން ”ދިވެހީންގެ ބިން ދިވެހީންނަށް“ މި ޝިޢާރުގެ ދަށުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ބޭއްވި މި މުޒާހަރާގައި ބައިވެރިވެފައިވަނީ 600 އަށްވުރެ މަދު އަދަދެއްގެ މީހުންނެވެ.
ދެ ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅޭ މާލެ ސަރަޙައްދުން މި އެއްވުމަށް ލިބިފައިވާ ފިނި ތަރުޙީބަށް ބަލާއިރު، ރަސްމާލޭގައި ކުރިއަށްގެންދާ އީގަލް ހިލްސްގެ އިންވެސްޓްމަންޓް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް އާންމުންގެ މާބޮޑު އެއްބާރުލުމެއް ނެތްކަން ވަނީ ހާމަވެފައެވެ.
މި އެއްވުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްކުރުމުގެ ބޭނުމުގައި، ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ޔަހޫދީން ވަނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ތަފާތު ވާހަކަތައް ފަތުރާފައެވެ.
ނަމަވެސް މި މަޝްރޫޢުގެ ދަށުން އެއްވެސް ޔަހޫދީއަކަށް ބިން ނުވިއްކޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައިވާއިރު، ރިއަލް އެސްޓޭޓް ބިލެއްގެ އިތުރުން ޔަހޫދީންނަށް ދާއިމީކޮށް ރާއްޖެއަށް ނުވަދެވޭނެ ގޮތް ހެދުމަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުވެސް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ޙަޤީޤަތް މިގޮތަށް އޮތް ނަމަވެސް، ޢިމްރާން ޢަބްދުﷲ ގެ އިތުރުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ޤާނޫނީ ވަކީލު ޢަލީ ޙުސައިން ފަދަ ބޭފުޅުން ގެންދަވަނީ މިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ވާހަކަދައްކަވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު ދެ ޕާޓީ ގުޅިގެން މިރޭ ބޭއްވި މި އެއްވުމުގައި، ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.













