ދިވެހިރާއްޖޭގެ ރަށްތަކަކީ ހަމައެކަނި ޖިއޮގްރަފީ ގޮތުން އުފެދިފައިވާ ބިންތަކެއް ނޫން ކަމަށާއި، އެ ރަށްތަކަކީ ދިވެހި ރައްޔިތުންގެ ގެދޮރާއި، މުއްސަނދި ތާރީޚާއި، އަމިއްލަވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ސަމިޓް (ކޮޕް 31) ގެ ތެރެއިން، ޔޫއެން ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީން މިއަދު އިންތިޒާމުކޮށްގެން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްގައި ތަޤުރީރުކުރައްވަމުންނެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް އައްސޭރިފަށުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުން ކިތަންމެ ކުޑަ މިންވަރެއް ބީވެގެން ދިޔުމަކީވެސް، ޤައުމުގެ ސިޔާދަތާއި، އާސާރީ ތަރިކައާއި، އަދި އަންނަން އޮތް ޖީލުތަކުގެ މުސްތަޤްބަލަށް ލިބޭ ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ.
ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އެއީ ރާއްޖެއަށް މުސްތަޤްބަލުގައި ކުރިމަތިވެދާނެ ދުރު ބިރެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ މިހާރުވެސް ޤައުމުގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ އިތުރުން، ޤައުމުގެ ސަލާމަތާއި ދެމިއޮތުމާ ސީދާ ގުޅިފައިވާ ނުރައްކަލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް އަމިއްލަ ވަޒަން ދޫކޮށް ދާން ނުޖެހޭނެކަން ޔަޤީންކޮށް، އަމިއްލަ ފަސްގަނޑުގައި ދެމިތިބުމުގެ ޙައްޤު ޙިމާޔަތްކުރުމަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭކަން ރައީސް ހާމަކުރެއްވި އެވެ. އެގޮތުން ރަށްރަށުގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމުގެ އިތުރުން، ޤުދުރަތީ ގޮތުން ލިބިފައިވާ އެންމެ ވަރުގަދަ ދިފާޢީ ނިޒާމުތައް ކަމަށްވާ ފަރުތަކާއި ކުޅިފާތައް ރައްކާތެރިކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަސައްކަތުގައި އިސްނެގުމަށްޓަކައި ބޭނުންވާ ފަންނީ މަޢުލޫމާތާއި މާލީ އެހީތެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ފޯރުކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފަދަ ގޮންޖެހުންތަކަށް ކެތްކުރުމުގެ ޤާބިލުކަން ޤައުމީ ފެންވަރުގައި އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.













