ކެފޭއެއްގެ ތެރޭގައި ގިނަ އިރުތަކެއް ވަންދެން ބަޔަކު ހިފަހައްޓައި، އަނިޔާވެރި އަމަލުތަކެއް ހިންގި މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ޒުވާނަކު 20 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، އިފަން، އިފްހާމް އަހްމަދެވެ.
މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުން ދޫކޮށްލުމުގެ ބަދަލުގައި ކޯޓުން ވަނީ 20 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައެވެ. ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްދިނުމަށް އޭނާގެ ފަރާތުން ކޯޓުގައި އެދުނު ނަމަވެސް، ކޯޓުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، އިފްހާމް ވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ގާނޫނާ ހިލާފަށް ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، އެ މީހުންނަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު މީހުންގެ ފޯނުތައް އަތުލުމަށް މަސައްކަތްކޮށް، ފޯނު ނުދީފި ނަމަ ބިއްލޫރި ފުޅިއަކުން ހަމަލާދޭނެ ކަމަށް ބުނެ އޭނާ ވަނީ ބިރުދައްކާފައެވެ.
ހަމައެއާއެކު، އާންމުންގެ ކުރިމަތީގައި އަނިޔާ ލިބުނު ފަރާތްތަކުގެ އަބުރާއި ގަދަރަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް އެ މަންޒަރުތައް ފޯނުން ވީޑިއޯކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ޖިނާއީ މަޖުބޫރުކުރުވުމުގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށެވެ.













