ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން ހަރ އެކްސަލަންސީ އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައިފިއެވެ. ކޮޕް-31 ސަމިޓުގެ ހަވާސާގައި މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ 11 ނޮވެންބަރު 2026 ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި އެމިނޭ އުރުދުޣާން ވަނީ އެކަމަނާގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު އުފެއްދެވި ”ޒީރޯ ވޭސްޓް ފައުންޑޭޝަން“ އާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ޙިއްސާކުރައްވާފައެވެ. އަދި ”ޒީރޯ ވޭސްޓް“ ޙަރަކާތް ކުރިއެރުވުމަށް ދެ ބޭފުޅުން އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ”ޒީރޯ ވޭސްޓް“ ޙަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް އެމިނޭ އުރުދުޣާން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހިތްވަރުދެއްވާފައެވެ. އަދި މިކަން ތަންފީޒުކުރުމުގައި ކަމާބެހޭ ވުޒާރާތަކުގެ ދައުރު ބޮޑުކަމުން، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ތިމާވެށި ޙިމާޔަތްކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލެއްވީ، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.













