ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނަކަށް މިއަދު ހާދިސާއެއް ދިމާވި ނަމަވެސް، ވޯޓާ އެއިރޯޑްރޯމްގެ އާންމު އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ނެރުނު ބަޔާނެއގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓީއެމްއޭގެ ބޯޓެއް ޓެކްސީ ކުރަމުން ދަނިކޮށެވެ. މިއަދު މެންދުރުގެ ވަގުތެއްގައި މި ހާދިސާ ހިނގީ ފަސިންޖަރުންނާއެކު ފުރަން ޑޮކުން ނައްޓާލައިގެން ވޯޓާ ރަންވޭއާ ދިމާލަށް ދަތުރުކުރަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ބޯޓުގެ އެއް ކަނދު ހަލާކުވެ، އެއްފަޅި އަޑިއަށްދާ ގޮތް ދިމާވި ނަމަވެސް، އޭގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހާދިސާއާ ގުޅިގެން އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއޭސީއެލް އިން ބުނީ ވޯޓާ އެއިރޯޑްރޯމްގެ ޚިދުމަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި، މި ކަމާ ގުޅޭ އިތުރު ތަފުސީލުތައް ލިބެމުންދާ ވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށެވެ. އަދި ބޯޓަށް ގެއްލުން ލިބެން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.














