ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިޢުލާނުކޮށްފިއެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވައިލުމަށް ޝައުޤުވެރިކަން ހުރި، ޝަރުޠު ހަމަވާ ކޮންސަލްޓެންޓުންނަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މި ބިޑިންގ މަރުޙަލާގެ ތެރޭގައި އެއްވެސް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުވަތަ ޕްރީ-ބިޑް މީޓިންގެއް ނޯންނާނެ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ނުވަތަ ސާފުކުރަން ބޭނުންވާ ކަންކަން ހުރިނަމަ، 16 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން bids@infrastructure.gov.mv މެދުވެރިކޮށް އީމެއިލް ކުރަންޖެހެއެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2 ޑިސެމްބަރު ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ގައި ދަރުބާރުގޭގައި ހުންނަ އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައެވެ.













