ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން، އުމްރާނީ ތަރައްޤީގެ 22 މަޝްރޫޢެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި މަގުހެދުމުގެ 8 މަޝްރޫޢަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 5 މަޝްރޫޢެއްގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި އަޕްގްރޭޑްކުރުމުގެ 6 މަޝްރޫޢެއް ހިމެނެއެވެ. މީގެއިތުރުން މޫދަށް އެރޭ ސަރަޙައްދާއި ސްލިޕްވޭ ހެދުމުގެ 2 މަޝްރޫޢަކާއި އިމާރާތްކުރުމުގެ މަޝްރޫޢެއްވެސް ހިމެނެއެވެ.
މަގުހެދުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އދ. ހަންޏާމީދޫ، ބ. ކަމަދޫ، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގައެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު އަދި ނ. މިލަދޫގައެވެ.
ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވަނީ ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި އަދި ނ. ޙޮޅުދޫގައެވެ.
މީގެއިތުރުން ހދ. ވައިކަރަދޫގައި މޫދަށް އެރޭ ސަރަޙައްދަކާއި ސްލިޕްވޭއެއް ހެދުމުގެ މަސައްކަތާއި، ރ. ފައިނުގައި ބީޗެއް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާނެއެވެ. އަދި ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސްއެއް ބިނާކުރުންވެސް މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުތައް ހިންގާ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި މުރާސިމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.














