ސަޢޫދީ ޢަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށާއި އިދާރީ މުހިންމު ތަންތަނަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީ މިލިޝިއާއިން ދެމުންދާ ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތައް ދިވެހިރާއްޖެއިން ވަރަށް ވަރުގަދައަށް ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސަޢޫދީގެ ވެރިރަށް ރިޔާޟަށާއި އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ދެމުންދާ މި ޙަމަލާތަކަކީ ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތަށާއި އިސްތިޤްލާލަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ޚިލާފަށް ހިންގާ ނުރައްކާތެރި ޢަމަލުތަކެއް ކަމަށެވެ.
އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ގޮތަށާއި ސަރަޙައްދީ އަމަންއަމާންކަމާއި ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ދެމުންދާ މިފަދަ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ ސުލްޙައަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ސަރުކާރުން ފާހަގަކުރެއްވިއެވެ.
Statement by the Government of Maldives condemning the continued attacks by Houthi Militia on targeted areas in the Kingdom of Saudi Arabia
🔗| https://t.co/ZLvmqvdHKe pic.twitter.com/qRXQlWS6MA
— Ministry of Foreign Affairs 🇲🇻 (@MoFAmv) November 9, 2026
މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާއާއި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ފުރިހަމަ ބަދަހިކަމުގައި ދެމިއޮންނާނެކަން ހާމަކޮށް، ސަޢޫދީގެ ސިޔާދަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، މާތްވެގެންވާ ދެ ޙަރަމްފުޅު ޙިމާޔަތްކުރުމަށް އެ ޤައުމުން އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ސަރުކާރުން ވަނީ ތަކުރާރުކުރައްވާފައެވެ.
ޙޫޘީން ސަޢޫދީގެ މަދަނިއު އެއާޕޯޓްތަކަށާއި ޢުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ޙަމަލާތައް އިތުރުކޮށްފައިވާ އިރު، މީގެ ކުރިންވެސް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި އެހެނިހެން ސަރަޙައްދުތަކަށް ދިން ޙަމަލާތައްވެސް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ކުށްވެރިކޮށް، ސަޢޫދީގެ ދިފާޢުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަން ހާމަކޮށްފައެވެ.














