ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި ދިވެހި ދައުލަތުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސަކަށް ޑރ. އަބްދުލް މުހުސިން މުހައްމަދު ހަމަޖައްސަވައި، އެ ކޮމިޝަންގެ އެކުލެވުމަށް ބޮޑު ބަދަލެއް ގެންނަވައިފިއެވެ.
މި މަހުގެ ފުރަތަމަ ދުވަހު އެކުލަވާލި އެ ކޮމިޝަންގެ ރައީސްކަމުގައި ކުރިން ހުންނެވި ކަށިމާ އަހްމަދު ޝާކިރު މިހާރު ކޮމިޝަނުން ވަކިވެވަޑައިގެންފައިވާ އިރު، އަލަށް އައްޔަންކުރެއްވީ ކުރީގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ އަހްމަދެވެ. މި ބަދަލާއެކު ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ، ފުރަތަމަވެސް ކޮމިޝަންގައި ހިމެނިވަޑައިގަތް ޑރ. އަބްދުލް މުހުސިން މުހައްމަދެވެ.
މި ބަދަލާއެކު މިހާރު ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ޑރ. އަބްދުލް މުހުސިން މުހައްމަދުގެ އިތުރުން، އަބްދުލް އަޒީޒް ޔޫސުފާއި، ޑރ. އާމިނަތު ޝާފިޔާ އާދަމާއި، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސޯދިގުގެ އިތުރުން އަހުމަދު އަލީ މަނިކާއި، ފާތިމަތު މިންހަތު އިއްޒަތު އަދި އައިޝަތު ފަޒްނާ އަހްމަދެވެ.
މި ކޮމިޝަނަށް މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތަކީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި ރާއްޖޭން ޖަވާބުދާރީވި ގޮތާއި، އެކަމުގައި ޝާމިލުވި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކުން އަމަލުކުރި ގޮތް ތަހުގީގުކުރުމެވެ. އަދި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްނަމަ ފިޔަވަޅު އެޅުމަށް ފެންނަ ގޮތްތައް ކަނޑައަޅައި، ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް އިސްލާހީ ފިޔަވަޅުތައް ހުށަހެޅުންވެސް ހިމެނެއެވެ.
މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން މިއަހަރުގެ ފެބުރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު އިއުލާނުކުރައްވާފައިވާއިރު، ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މި ކޮމިޝަން ދެމިއޮންނާނީ މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމައަށް ނިމިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެންނެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލަ އިޓްލޮސްއިން ނިންމާފައިވަނީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލައިގަތުމަށް ކުރީގެ ސަރުކާރުން ނިންމައި ފޮނުވި ސިޓީފުޅަކާ ގުޅިގެންނެވެ. އެ ނިންމުމުގެ ސަބަބުން ދެ ގައުމުގެ ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހާލުމުން، ކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވުނު ބައެއް ބައިތައް ވަނީ ދޫވެފައެވެ.












