ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފީ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށް އެ ކޯޓުން ނިންމައިފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށްދާއިރު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ނޮވެމްބަރު 3 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޝާހިދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ހައްޔަރު އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުގައި އެ މައްސަލަ މިހާރު ވަނީ އެ ކޯޓަށް ބަލައިގެންފައެވެ.
އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އެއީ އޭނާގެ އަބުރު ކެތިލުމުގެ ބޭނުމުގައި ސިޔާސީ ގޮތުން ފަތުރަމުންދާ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަތައް ނުފެތުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުވެސް ބެލެހެއްޓެވި ޝާހިދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރުވެ، ކެމްޕޭން ހަރަކާތްތައްވެސް ފައްޓަވާފައިވާ ބޭފުޅެކެވެ.













