އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ނޫން ކަމަށާއި، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ގޮތުން ބަދަލުހިފުމާއި ދައުވާކުރުން ރާއްޖޭގައި ނިމުމަކަށް ގެންނަވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝާހިދުގެ މައްސަލައަކީ ކުޑަކުއްޖަކާ ގުޅުންހުރި ކަމަކަށްވާތީ، އެފަދަ ސީރިއަސް މައްސަލައެއްގައި ކޮންމެ މީހަކާ މެދުގައިވެސް ގާނޫނު ތަންފީޒުކުރުމުގައި ތަފާތުކުރުމެއް އޮވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި އިޖުރާއަތްތައް ފުރިހަމަކުރުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ގާނޫނީ ވެރިކަން ނެގެހެއްޓުމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ ރާއްޖޭގައި ކަށަވަރުވެފައި އޮންނަންޖެހޭނެ ކަންކަން ކަމަށް ފާހަގަކުރައްވަމުން، ވަކި މީހަކަށް ވީތީ ގާނޫނުގެ ކުރިމަތީގައި އިމްތިޔާޒެއް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޝާހިދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭއިރު، މިފަދަ ކުށެއް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮވެއެވެ.
ނިޝާން އިއްޒުއްދީންގެ ޝަރަފު އަރުވާފައިވާ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޚާރިޖީ ދާއިރާއާއި ގާނޫނު ހަދާ މަޖިލީހުގައި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ޝާހިދު، ހާރިޖީ ހިދުމަތް ފެއްޓެވީ 1983 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.












