މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލަކީ އަބުރަށް އަރައިގަތުމަކީ މަދަނީ މިންގަނޑުން ކުށެއްގެ ގޮތުގައި ކަނޑައަޅައި، އަބުރު ގެއްލޭ ފަރާތްތަކަށް ގާނޫނީ ގޮތުން ޙައްޤު ފަރުވާ ކަށަވަރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނުގައި މީހުންގެ ލެޔާއި މުދަލުގެ އިތުރުން އަބުރަކީ ވެސް ޙުރުމަތްތެރިވެގެންވާ އެއްޗެއްކަން ނަބަވީ އިރުޝާދުތަކުން އެނގޭ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެމީހެއްގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމަށް ބޭނުންވާނެ ކަމަށާއި، އަނެކާގެ އަބުރަށް އަރައިގަނެ ދޮގު މައުލޫމާތު ފެތުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު އަމަލީ ގޮތުން ލިއްބައިދިނުމަށް އެކުލަވާލި މި ބިލުގެ ފުރަތަމަ އިއްވުން މިހާރު މަޖިލީހުގައި ވަނީ ނިންމާފައެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ އަބުރާ ބެހުމުގެ އަމަލުތައް މިންގަނޑުތަކަކުން ކަނޑައަޅައި، އެފަދަ ކަންކަމުން އަނިޔާ ލިބޭ ފަރާތްތަކަށް ގާނޫނީ ހިމާޔަތާއި ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
އަބުރާ ބެހުމުގެ އަމަލުތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ ވަކި ފަރާތަކާމެދު ގަސްތުގައި ނުވަތަ ފަރުވާލެއް ނެތި ދޮގު މައުލޫމާތު ދިނުމާއި، ދޮގު ވާހަކަތައް ބުނުމާއި، އެފަދަ މައުލޫމާތު ޝާއިއުކުރުމުން އުފެދޭ ކަންކަން ކަމަށެވެ. އަދި އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން މީހަކާމެދު ދޮގު ފެތުރުމަކީ އަބުރާ ބެހުން ކަމުގައި ބިލުގައި ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ދޮގު މައުލޫމާތުގެ ސަބަބުން މީހަކާމެދު މުޖުތަމައު ދެކޭ ގޮތް ބަދަލުވެ، ނަފުރަތު އުފެދޭ ފަދަ ހާލަތްތަކަށް ބިލުގައި ރިއާޔަތްކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ މުސްލިމަކީ ވެސް އަނެކާއާމެދު ޒިންމާތަކެއް އޮތް މީހެއްކަން ހަނދާންކޮށްދެއްވަމުން، އެހެން މީހުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކުން ދުރުހެލިވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.












