ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ޤާނޫނީ ހިމާޔަތް ފުރިހަމައަށް ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވައިލާފައިވާ ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މުޖުތަމަޢުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި، ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ޤާއިމުކުރުން ހިމެނެއެވެ. މީގެއިތުރުން، އަބުރާ ބެހެވުނު ފަރާތަކަށް އެކަމުގެ ޙަޤީޤަތް ހާމަކުރުމުގެ ނުވަތަ އެކަމަށް ރައްދު ދިނުމުގެ ނުވަތަ އެކަމެއް އިޞްލާޙުކޮށްދިނުމަށް އެދުމުގެ ޙައްޤު ލިބިގެންވާކަން މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ހަމައެއާއެކު، އަބުރާބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް މި ބިލުގެ މުހިންމު ބޭނުމެކެވެ. އެގޮތުން، އަބުރާ ބެހުމަކީ ކޮބައިކަމާއި، އަބުރާ ބެހުން ކަމަށް ބެލެވޭނެ އެކި ޙާލަތްތައް ބިލުގައި ވަރަށް ތަފްޞީލުކޮށް ވަނީ ބަޔާންކޮށްފައެވެ. އަދި އަބުރާ ބެހެވޭ ފަރާތުގެ ކިބައިން މަޢާފަށް އެދުމާއި، ބަދަލު ދިނުމަށް ހުށަހެޅުމުގެ ހަމަތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެއިތުރުން، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ އިޖުރާއާތުތަކާއި، ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރާނެ އުޞޫލުތައް ވެސް މި ބިލުގައި ވަނީ ތަފްޞީލުކޮށްދީފައެވެ.













