މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާބެހޭ ޚާއްޞަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވި މައިގަނޑު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ބައިނަލްއަޤުވާމީ ކަމާގުޅޭ އުސޫލުތަކާއި، އާންމު ރައްޔިތުންގެ އިތުރުން ކުށްވެރިޔާގެ ހައްގުތަކަށް ވެސް ފުރިހަމައަށް ރިއާޔަތްކުރުމެވެ. އަދި ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ވަރަށް ސާފުކޮށް ބަޔާންކުރާ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ތަޢާރަފްކުރުމަކީ ވެސް މި ބިލުގެ ބޭނުމެކެވެ.
މި ބިލުގައި ދިވެހިރާއްޖޭގައި މީހަކަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ އެންމެހައި ޝަރުތުތަކާއި، އެފަދަ އަދަބެއް ކަނޑައެޅުމުގައި ކޯޓުތަކުން އަމަލުކުރަންޖެހޭނެ އުސޫލުތައް ވަރަށް ތަފްސީލުކޮށް ވަނީ ހިމަނާފައެވެ. މީގެއިތުރުން، މަރުގެ އަދަބެއް ކަނޑައެޅުމުގައި ދަޢުލަތުގެ ފަރާތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިލްތިޒާމުތަކާއި، މަރުގެ އަދަބު ކަނޑައެޅޭ މީހާއަށް ލިބިދޭ އަސާސީ ހައްގުތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ހަމައެއާއެކު، މަރުގެ އަދަބު ތަންފީޒުކުރުން މަނާވާ ޙާލަތުތަކާއި އެކަމުގެ ސަބަބުތައް ވެސް މި ބިލުގައި އެކުލަވާލާފައިވެއެވެ. އަދި އެ ނޫންވެސް މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު އެތައް އުސޫލުތަކަކާއި އިޖުރާއަތުތަކެއް މި ބިލުގައި ވަނީ ތަންޒީމުކޮށްފައެވެ.
މި ބިލުގައިވާ ގޮތުން މަރުގެ އަދަބު ކަނޑައެޅުމުގެ މުހިންމު ޝަރުތުތަކުގެ ތެރޭގައި، މަރުވި މީހާގެ ވާރިސުން މަރަށް މަރުހިފަން އެއްބަސްވުމާއި، ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން މައްސަލަ ބަލައި ނިމިފައިވުން ހިމެނެއެވެ. އަދި އެއްވެސް ތަފާތުކުރުމެއް ނެތި، އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތް ހިންގުމާއި، އަދަބު ކަނޑައެޅޭ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުން ވެސް މި ބިލުގައި ޝަރުތުކޮށްފައިވެއެވެ.













