ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ ސަބަބުން މި ދާއިރާ ނިޒާމީ އޮނިގަނޑެއްގެ ތެރެއަށް ފެތި، އޮޅުވާލުންތަކާއި ލަނޑު ލިބުމުގެ މައްސަލަތަކުން ރައްޔިތުން ސަލާމަތްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިޤްތިޞާދު ސިންދަފާތު (ޑައިވާސިފައި) ކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ކްރިއޭޓިވް އިކޮނޮމީ ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ތެރެއިން ރިއަލް އެސްޓޭޓް ދާއިރާއަކީ ރާއްޖޭގައި ވަރަށް ބޮޑަށް ސިސްޓަމެޓިކްކޮށް ނުވަތަ ނިޒާމީ ގޮތެއްގައި ތަރުތީބުކުރަން ޖެހިފައިވާ މުހިންމު ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އަމިއްލަ ގޯތި ގެދޮރު ހެދޭނެ މާލީ ތަނަވަސްކަމެއް ނެތުމުންނާއި، ބޭންކުތަކުން ލޯނު ލިބޭނެ މަގު ތަނަވަސްނުވުމުގެ ސަބަބުން، ދިގު މުއްދަތަކަށް އެހެން ފަރާތްތަކާ ހަވާލުކޮށްގެން ގެދޮރު އިމާރާތްކުރަން ހަދައިގެން އެތައް ރައްޔިތުންނަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ހެދޭ އެއްބަސްވުންތަކުގެ ސަބަބުން މަކަރާއި ހީލަތް ހަދައި، ގޯތި ގެއްލި، ބޮޑެތި ލޯނުތައް ބޮލުގައި އެޅިފައިވާ އެތައް ޢާއިލާއެއް ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މާޒީގައި ހިނގާފައިވާ ސީ-ލައިފް އަދި ކޭ-ޕާކް ފަދަ ބޮޑެތި ޚިޔާނާތްތަކުން ވެސް ރައްޔިތުން ރައްކާތެރިކޮށްދޭނީ އަލަށް ތަޢާރަފްކުރާ ރިއަލް އެސްޓޭޓް ބިލުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”މި ބިލުގެ ސަބަބުން ރިއަލް އެސްޓޭޓް ވިޔަފާރި ނިޒާމީ ގޮތުން މި އެސްޓެބްލިޝް ކުރެވެނީ. ގޭގެ ވެރިފަރާތާއި، ގަންނަ ފަރާތާއި، އަދި ވިއްކާ ފަރާތުގެ ހައްޤުތަކާއި ޒިންމާތައް ވަރަށް ސާފުކޮށް ބަޔާން ކުރެވި، މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދެފުށް ފެންނަ ނިޒާމެއް ޤާއިމުވެގެންދާނެ. މީގެ ސަބަބުން އަމިއްލަ ގޯތި ނެހެދިގެން މީސްމީހުންނަށް ދީގެން ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްވާނެ،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މި ބިލުގެ ދަށުން ރިއަލް އެސްޓޭޓް ދާއިރާ އިތުރަށް ފުޅާކޮށް، ގިނަ ފަރާތްތަކަކަށް މި ވިޔަފާރިއަށް ވަނުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ވިޔަފާރީގެ ތެރެއިން ރަޖިސްޓްރޭޝަން ފީއެއް ނެގި، ދައުލަތަށް ވެސް އެކަށީގެންވާ ނަފާއެއް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި، މި ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށްޓަކައި ކަމާގުޅޭ ވުޒާރާގެ ދަށުން ޚާއްޞަ އޮފީހެއް ޤާއިމުކުރުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.














