އީރާނުގެ ދެކުނުގެ އައްސޭރިފަށުގެ ސަރަޙައްދުތައް ކަމަށްވާ ޤޭޝްމް އައިލެންޑް، ޖާސްކް، ސީރިކް އަދި ބަންދަރު އައްބާސް އިން ހޮނިހިރު ދުވަހުގެ ރޭ ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާއިރު، މިއީ އީރާނުގެ ވައިގެ ދިފާޢީ ނިޒާމަކަށް އަމާޒުކޮށް އެމެރިކާއިން ދިން ”ކުދި“ ޙމަލާތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ކަށަވަރުކޮށްދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުކުރު ދުވަހު ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ވައިގެ ދިފާޢީ ނިޒާމަކަށް އަމާޒުކޮށް އާ ޙަމަލާތަކެއް ދީފައިވާ ކަމަށެވެ. އީރާނުގެ ’ތަސްނީމް‘ ނިއުސް އޭޖެންސީއިން ބުނެފައިވާ ގޮތުގައި، ޤޭޝްމް އައިލެންޑަށް ދެ މިސައިލް ވަނީ އަރާފައެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލަކު ބުނީ، މިއީ ބޮޑު ހަނގުރާމައެއް ފެށުމުގެ ގޮތުން ދިން ޙަމަލާތަކެއް ނޫން ކަމަށާއި، މިއީ ލިމިޓެޑް އޮޕަރޭޝަނެއް ކަމަށެވެ.
އެމެރިކާގެ ޙަމަލާތަކާ އެއްވަގުތެއްގައި، އީރާނުގެ އައިއާރުޖީސީއިން ވަނީ ހޮރްމޫޒް ކަނޑުއޮޅީގައި ދެ ތެޔޮ ބޯޓެއް މައިނެއްގައި ޖެހި އަލިފާން ރޯވެފައިވާ ކަމަށް ބުނެފައެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި، މި ބޯޓުތަކުން ދަތުރުކުރީ ޓްރެކިންގ ސިސްޓަމްތައް ނިއްވާލައިގެން ހުއްދަނެތް މަގަކުންނެވެ.
ޙަމަލާގެ އަޑު އިވިފައިވާ ސަރަޙައްދުތަކަކީ އީރާނުގެ އަސްކަރީ ގޮތުން ވަރަށް މުހިންމު ސަރަޙައްދުތަކެކެވެ. ބަންދަރު އައްބާސް އަކީ އީރާނުގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ހުންނަ ތަނެވެ. އަދި ޖާސްކް ޕޯޓަށް ޙަމަލާގެ އަސަރުކޮށްފައިވާކަމަށް އީރާނުގެ ރަސްމީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.













