ރ. ދުވާފަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އަދި އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ މަހުގެ 4 ވަނަ ދުވަހު ދުވާފަރު ޕޮލިސް ސްޓޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.
ކޯޓު އަމުރެއްގެ ދަށުން ދުވާފަރުގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ:
ރ. ދުވާފަރު / ކަބީލާއާގެ، ހާޖަރާ މާއިސާ ޢަލީ (26އ)
ރ. ދުވާފަރު / ދަފްތަރު ނަންބަރު 0235، ޢަބްދުﷲ ޢަލީ (33އ)
ފުލުހުން ހާމަކުރި ގޮތުގައި، މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ހާޖަރާ މާއިސާ ޢަލީ 7 ދުވަހަށް، އަދި ޢަބްދުﷲ ޢަލީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.













