އޮމާން ކަނޑުގައި (ގަލްފް އޮފް އޮމާން) ދަތުރުކުރަމުންދިޔަ ކާގޯ ބޯޓެއްގައި އަލިފާން ރޯވުމާ ގުޅިގެން، އެ ބޯޓުގައި ތިބި 22 ފަޅުވެރިން ޔޫއޭއީގެ ނޭޝަނަލް ގާޑުން ސަލާމަތްކޮށްފިއެވެ.
ބޯޓުން ފޮނުވި އެމަރޖެންސީ ސިގްނަލަކާ ގުޅިގެން، ޔޫއޭއީގެ ކޯސްޓް ގާޑުގެ ޚާއްޞަ ޓީމުތަކުން ވަނީ ވަގުތުން ޙަރަކާތްތެރިވެ ބޯޓުގައި ތިބި 22 މީހުން ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށާއި، ފުރަތަމަ އެހީ ދިނުމަށްފަހު ކަމާބެހޭ ފަރާތްތަކާ އެމީހުން ޙަވާލުކޮށްފައިވާ ކަމަށް ޔޫއޭއީން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ، ހުރްމުޒް ކަނޑުއޮޅީގައި އީރާނުން އަތުރާފައިވާ މައިންތަކެއްގައި ޖެހި ދެ ތެޔޮ ބޯޓެއްގައި އަލިފާން ރޯވެފައިވާކަމަށް އީރާނުގެ އައިއާރުޖީސީން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނެފައިވަނީ އެ ބޯޓުތަކަށް ހަމަލާ އެރީ ސިއްރުން ދަތުރުކުރުމަށްޓަކައި ޓްރެކިންގ ސިސްޓަމްތައް ނިއްވާލައިގެން ހުއްދަނެތް މަގަކުން ދަތުރުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
މި ހާދިސާތަކުގެ ސަބަބުން ގަލްފް ސަރަޙައްދުގައި ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް އޮތް ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި އޮމާން ކަނޑާއި ހުރްމުޒް ކަނޑުއޮޅީގެ ސަރަޙައްދުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ އިންޝުއަރެންސް އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.













