ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕުގެ 15ވަނަ އެޑިޝަން ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ފަށައިގެން ކުރިއަށްދާއިރު، މުބާރާތުގެ ތާރީޚުގައި ދެވަނައަށް އެންމެ ކާމިޔާބު އަދި އެންމެ ގިނަ މެޗުން މޮޅުވި ޓީމުގެ ޝަރަފު ދިވެހިރާއްޖެއިން ދަމަހައްޓައިފިއެވެ.
މީގެކުރިން ބޭއްވުނު 14 މުބާރާތަށް ބަލާއިރު ރާއްޖެއަކީ އަބަދުވެސް މި ސަރަހައްދުގެ ގަދަބާރެކެވެ. ރާއްޖެއިން މި މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރީ 1997ވަނަ އަހަރު ކަމަށްވާއިރު، މިއަހަރުގެ މުބާރާތަކީ ރާއްޖެ ވާދަކުރާ 12ވަނަ ފަހަރެވެ. މުބާރާތުގެ ކުރީކޮޅުގައި ”ސާކް ގޯލްޑް ކަޕް“ ގެ ނަމުގައި ބޭއްވި ފުރަތަމަ ދެ މުބާރާތުގައި ރާއްޖެ ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، 1997 ވަނަ އަހަރު ރާއްޖެއިން ބައިވެރިވި އަލަތު މުބާރާތުން ވެސް ފައިނަލަށް ދަތުރުކޮށް ރަނަރަޕްކަން ހޯދިއެވެ. އެފަހަރުގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 1-5 ގެ ނަތީޖާއަކުންނެވެ.
އޯލް-ޓައިމް ރެކޯޑުތަކަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅުނު 50 މެޗުގެ ތެރެއިން 25 މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އަދި 11 މެޗު އެއްވަރުވެ، ބަލިވެފައިވަނީ އެންމެ 14 މެޗުންނެވެ. އެހެންކަމުން ރާއްޖެއިން ވަނީ ޖުމްލަ 86 ޕޮއިންޓާއެކު ލިސްޓުގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. މީގެއިތުރުން، ރާއްޖެއިން ވަނީ މި މުބާރާތުގައި ޖުމްލަ 98 ލަނޑު ޖަހާފައެވެ.
މި ލިސްޓުގެ އެއްވަނައިގައި އޮތީ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާއެވެ. ރާއްޖެއަށްވުރެ އިތުރަށް ދެ މުބާރާތުގައި ވާދަކޮށް، 12 މެޗު ގިނައިން ކުޅެފައިވާ އިންޑިއާއިން ވަނީ 62 މެޗުން 132 ޕޮއިންޓް ހޯދާފައެވެ. އެއީ 39 މެޗުން މޮޅުވެ، 15 މެޗުން އެއްވަރުވެ އަދި 8 މެޗުން ބަލިވެގެންނެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމުގެ ޝަރަފުވެސް އިންޑިއާއަށް ލިބިފައިވާއިރު، އެ ޓީމުން ޖަހާފައިވަނީ 108 ލަނޑެވެ. އެހެންނަމަވެސް، ރާއްޖެއަށްވުރެ 12 މެޗު އިތުރަށް ކުޅެގެން އިންޑިއާއަށް ރާއްޖެއަށްވުރެ އިތުރަށް ޖެހިފައިވަނީ އެންމެ 10 ލަނޑުކަން ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެއާއި އިންޑިއާ ހިމެނެނީ އެއް ގުރޫޕެއްގައެވެ. މި ގުރޫޕުގައި ދެން ހިމެނޭ އަނެއް ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނުން މުބާރާތުގައި 13 ފަހަރު ވާދަކޮށް 39 މެޗު ކުޅެފައިވާއިރު، އެޓީމު މޮޅުވެފައިވަނީ 12 މެޗުންނެވެ. އަދި 8 މެޗުން އެއްވަރުވެ، 19 މެޗުން ބަލިވެފައިވާއިރު، އެޓީމަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. ޕާކިސްތާނަށް މި މުބާރާތުގައި ޖެހިފައިވަނީ ޖުމްލަ 32 ލަނޑެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ފަޚުރުވެރި ތާރީޚުގައި ސާފް ޗެމްޕިއަންޝިޕުގެ ތަށި ދެ ފަހަރެއްގެ މަތިން ވަނީ އުފުލާލާފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. މީގެއިތުރުން ތިން ފަހަރަށް މުބާރާތުގެ ރަނަރަޕްކަން ހޯދިއިރު، ދެ ފަހަރެއްގެ މަތިން ރާއްޖެއިން ވަނީ ބްރޮންޒް މެޑަލް (ތިންވަނަ) ހާސިލުކޮށްފައެވެ. މި ހިސާބުތަކުން ހާމަވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ވެސް ރާއްޖެއަކީ ފާހަގަކޮށްލެވޭ ފަދަ މޮޅު އަދި ނަތީޖާ ނެރެފައިވާ ޓީމެއް ކަމެވެ.














