ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި ”ދެރަހަ“ ބޯޓުގައި ތިބި 10 ފަޅުވެރިން، އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށް އެހެން އުޅަނދަކަށް ބަދަލުކޮށްދީފިއެވެ.
މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަނިކޮށް ހިނގި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް ލިބުނީ ރޭ ދަންވަރު 00:40 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑުގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.
ހަތަރު ދިވެހިންނާއި ހަ ބިދޭސީންނާއެކު ދަތުރުކުރި މި ބޯޓުގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ރޭ ދަންވަރު 01:53 ހާއިރު ވަނީ ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައެވެ. އަދި ޑިންގީއެއްގައި ފެންފުއްޓާއަށް އެރި އަނެއް ތިން މީހުން ރޭ ދަންވަރު 02:10 ހާއިރު ވަނީ ސިފައިންގެ އުޅަނދަށް ނަގާފައެވެ.
ބޯޓު ފުންކުރުމަށްޓަކައި އޭގެ ވެރިފަރާތުން ފޮނުވި ”ސްވިފްޓް“ ދޯނި ފަތިހު 04:22 ހާއިރު އެ ސަރަހައްދަށް ދިއުމުން، ކޯސްޓްގާޑުން ވަނީ ހުރިހާ ފަޅުވެރިން އެ ދޯންޏަށް ބަދަލުކޮށްފައެވެ. އަދި ބޯޓުގެ ވެރިފަރާތާ ގުޅިގެން ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑުން މިހާރުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.










