އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު، އެ ގައުމުގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިޒެންކޮޓްއާ ހަވާލުކުރުމަށް ރައީސް އިސްހާގު ހަރޒޮގް ނިންމައިފިއެވެ. މިއާއެކު މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދިގުލީ ވެރިކަން ނިމުމަކަށް އައުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.
ރައީސް ހަރޒޮގް މި ނިންމުން އައިޒެންކޮޓްއަށް ހޮނިހިރު ދުވަހުގެ ރޭ އަންގާފައިވާއިރު، ސަރުކާރު އެކުލަވާލުމުގެ ރަސްމީ ލިޔުން އާދީއްތަ ދުވަހު އޮންނަ ރަސްމިއްޔާތެއްގައި އޭނާއާ ހަވާލުކުރާނެ ކަމަށް ރައީސްގެ ތަރުޖަމާނު ބުނެފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ އޮކްޓޯބަރު 27 ގައި ބޭއްވި އާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމާ ގުޅިގެން، ސިޔާސީ ޕާޓީތަކާ އެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ.
އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް (ކްނެސެޓް) ގެ މެންބަރުންގެ ތެރެއިން 67 މެންބަރަކު ވަނީ އައިޒެންކޮޓް ބޮޑުވަޒީރުކަމަށް ގެނައުމަށް ތާއީދުކޮށްފައެވެ. އޭގެ ތެރޭގައި އަރަބި ޕާޓީތަކުގެ މެންބަރުން ވެސް ހިމެނެއެވެ. އަނެއްކޮޅުން ނަތަންޔާހޫއަށް ތާއީދުކޮށްފައިވަނީ އެންމެ 46 މެންބަރުންނެވެ.
އައިޒެންކޮޓްއަށް ސަރުކާރެއް އެކުލަވާލުމަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އިތުރު 14 ދުވަސް ދެވިދާނެއެވެ. 120 ގޮނޑި ހިމެނޭ މަޖިލީހުގައި ސަރުކާރެއް ގާއިމުކުރުމަށް މަދުވެގެން 61 ގޮނޑީގެ ތާއީދު ބޭނުންވެއެވެ. އިންތިޚާބުގައި އައިޒެންކޮޓްގެ އިއްތިހާދަށް 48 ގޮނޑި ލިބުނުއިރު، ނަތަންޔާހޫގެ ފެކްޝަނަށް ލިބުނީ 53 ގޮނޑިއެވެ. އަދި އަރަބި ޕާޓީތަކުން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދައި 19 ގޮނޑި ކާމިޔާބުކޮށްފައެވެ.
އައިޒެންކޮޓް މީގެ ކުރިން ބުނެފައިވަނީ އަރަބި ޕާޓީތަކާއެކު ކޯލިޝަން ނުހަދާނެ ކަމަށެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރަމުންދަނީ މަޖިލީހުގައި އިތުބާރުގެ ވޯޓު ކާމިޔާބުކޮށް، އަރަބި ޕާޓީތަކުގެ ބޭރުން ލިބޭ ތާއީދާއެކު މައިނޯރިޓީ ސަރުކާރެއް އެކުލަވާލުމަށެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ސަރުކާރު ނުއުފެއްދިއްޖެނަމަ އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދޭނެއެވެ. އަދި އެއަށްފަހުވެސް ނާކާމިޔާބުވެއްޖެނަމަ 90 ދުވަސް ތެރޭގައި އަލުން އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
2015 އިން 2019 އަށް އަސްކަރިއްޔާގެ ވެރިޔަކަށް ހުރި އައިޒެންކޮޓް ވަނީ، އޮކްޓޯބަރު 2023 ގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ލާއިންސާނީ ގަތުލުއާންމުގެ ފުރަތަމަ އަށް މަސްދުވަހު ނަތަންޔާހޫގެ ވޯ ކެބިނެޓުގައި އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
އަރަބި ޕާޓީތަކުގެ ކޯލިޝަން ”ޖޮއިންޓް ލިސްޓް“ ގެ އިސް މެންބަރެއް ކަމަށްވާ އަހުމަދު ތީބީ ވިދާޅުވީ، އައިޒެންކޮޓްގެ ސަރުކާރަކީ އެބޭފުޅުން އެންމެ އެދޭ ސަރުކާރަށް ނުވި ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދެނީ ނަތަންޔާހޫ އާއި އޭނާއާ ގުޅިފައިވާ ހަރުކަށި ބެން-ގްވިރް އަދި ސްމޮޓްރިޗްގެ ސަރުކާރު ވައްޓާލުމަށް ކަމަށެވެ.
ރައީސްގެ ނިންމުމުގެ ކުރިން ނަތަންޔާހޫ ވަނީ އަރަބި ޕާޓީތަކުގެ އެހީގައި ސަރުކާރެއް އުފައްދައިފިނަމަ އިސްރާއީލު ރޫޅިގެންދާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އަރަބި މެންބަރުންނަކީ ޓެރަރިޒަމަށް ތާއީދުކުރާ ބައެއްގެ ގޮތުގައި އޭނާވަނީ ސިފަކޮށްފައެވެ.
ނަތަންޔާހޫގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އަހުމަދު ތީބީ ވިދާޅުވީ، އިސްރާއީލާއި މުޅި ސަރަހައްދުގައި ހުރި އެންމެ ބޮޑު ޓެރަރިސްޓަކީ އަދި ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ހިންގާ ޓެރަރިޒަމަށް ހިތްވަރުދޭ އެންމެ އިސް މީހަކީ ޚުދު ނަތަންޔާހޫ ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އައިޒެންކޮޓް އަރަބި ޕާޓީތަކާއެކު ރަސްމީ ސަރުކާރެއް ހަދަން ބޭނުންނުވި ނަމަވެސް، ނަތަންޔާހޫގެ ވެރިކަން ނިންމުމަކަށް ގެނައުމަކީ އެ ދެ ފަރާތް ވެސް އެއްބަސްވާ މައިގަނޑު އަސާސެވެ.









