އެމެރިކާއިން ސިޔާސީ މަޝްވަރާތަކަށް މަކަރުހަދާފާނެކަމުގެ ބިރު އޮތްކަމަށް ބުނެ، އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރިޒާއީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރަޝިޔާގައި ހުރި އީރާނުގެ ސަފީރު ކާޒިމް ޖަލާލީ އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރުއައިބީ) އަށް މަޢުލޫމާތު ދެމުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ރިޒާއީ ވަނީ ޕޫޓިންއާ ބައްދަލޮށްފައި، އެމެރިކާގެ ޑިޕްލޮމެސީއާމެދު އީރާނުން އޮތް އިތުބާރު ކުޑަކަން ޙިއްޞާކޮށްފައެވެ.
ރިޒާއީ ޕޫޓިންއަށް ބުނި ގޮތުގައި، ހަމައެކަނި ސިޔާސީ މަޝްވަރާތަކުން މި ހަނގުރާމަ ނިމުމަކަށް ނާންނާނެއެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ، އޮމާން، ޖެނީވާ އަދި އިސްލާމްއާބާދުގައި ސިޔާސީ މަޝްވަރާތައް ކުރިއަށްދިޔަ ވަގުތުތަކުގައިވެސް އެމެރިކާއިން އީރާނަށް އަސްކަރީ ޙަމަލާތައް ދީފައިވުމެވެ.
މުޅި ދުނިޔޭގެ ތެލުގެ ބާޒާރަށް އަސަރުކުރަމުންދާ ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލެވޭނީ، އީރާނުން ހުށައަޅާފައިވާ 7 ސްޓްރެޓީޖިކް ޝަރުޠު އެމެރިކާއިން ފުރިހަމައަށް އަދި އެއްވެސް އިތުރު ޝަރުޠަކާ ނުލައި ޤަބޫލުކުރުމުން ކަމަށް ރިޒާއީ ވަނީ ރަޝިޔާގެ ރައީސަށް ކަށަވަރުކޮށްދީފައެވެ.













