ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ވޭޕް ކާޓްރިޖްތަކާއެކު މާލޭގެ ގެއަކުން ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެމީހުން ބަންދުގައި ބޭތިއްބުމަށް އިތުރު 30 ދުވަހުގެ މުއްދަތެއް އަނެއްކާވެސް ޖަހައިދީފިއެވެ.
މި މައްސަލައިގައި ބަންދު މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ މަރްޔަމް އީޝާ އަޝްރަފާއި، 26 އަހަރުގެ ހުސައިން ޝާވިންގެ އިތުރުން 25 އަހަރުގެ މުހައްމަދު ނާހިލްއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެމީހުން ތިބި ގެއިން 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވެއެވެ. މީގެއިތުރުން މަސްތުވާތަކެތި އެކުލެވޭ ކަމަށް ތުހުމަތުކުރެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރުގެ އިތުރުން ބަނގުރާ ފުޅިއެއްވެސް އެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ ގިނަ ހެކިތަކެއް ފުލުހުން ވަނީ ހުށަހަޅާފައެވެ. އެގޮތުން ތަހުގީގުކުރި ފުލުހުންގެ ބަޔާންތަކުގެ އިތުރުން، މަސްތުވާތަކެއްޗާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ނަތީޖާއާއި، އިންޓެލިޖެންސް ރިޕޯޓާއި ސީން އޮފް ކްރައިމް ރިޕޯޓު ހިމެނެއެވެ.
މި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށްފަހު، ދައުވާކުރުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލައިގެ ލިޔެކިޔުންތައް ވީއެންމެ އަވަހަކަށް ފޮނުވުމަށްވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.














