މެންހެޓަން ގްރޭންޑް ހޮޓެލް ރަސްމީކޮށް ހުޅުވުމުގެ މުނާސަބަތުގައި، މިރޭ ހުޅުމާލޭގައި ކުލަގަދަ ގޮތެއްގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ. ހަވާ އަރުވާނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލާވީ ސަރަޙައްދުގެ މޫދުގައެވެ. މި ހަރަކާތަކީ ވިޔަފާރި އުސޫލުން، އެ ހޮޓަލުގެ ޚަރަދުގައި ބާއްވާ ޚާއްޞަ އިވެންޓެކެވެ.
ހުޅުމާލޭގައި އަލަށް ހުޅުވި މެންހެޓަން ގްރޭންޑަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު ސިޓީ ހޮޓަލެވެ. ފަސްތަރީގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ހޮޓަލުގައި ޖުމްލަ 162 ކޮޓަރި ހިމެނެއެވެ.
މީގެއިތުރުން، އެކި ކަހަލަ ކެއުންތައް ލިބެން ހުންނަ 4 ރެސްޓޯރަންޓަކާއި، ތަފާތު އެކި ޖަލްސާތަކާއި އިވެންޓްތައް ބޭއްވުމަށް ޚާއްޞަ ބޮޑު 3 މާލަން (ބޭންކުއެޓް ހޯލް) ވެސް މި ހޮޓަލުގައި ވަނީ ޤާއިމުކޮށްފައެވެ.













