ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތަރައްގީކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން 182 ފްލެޓެއްގެ ފައުންޑޭޝަން ނިންމައި، ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 364 ފްލެޓު އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، މި ފްލެޓުތަކުގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ފަހުކޮޅުގައެވެ.
ދެ ޓަވަރަކަށް ބަހާލައިގެން ތަރައްގީކުރާ މި އިމާރާތްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓުތަކެވެ. އަދި ކޮންމެ ފްލެޓެއްގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާނެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން މެދުވެރިކޮށް ޖުމްލަ 3،260 ފްލެޓު ގާއިމުކުރުމަށް ނިންމާފައިވާއިރު، މުޅި މަޝްރޫއުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ބޭންކުން ލަފާކުރެއެވެ.
މީގެ އިތުރުން ”ބީއެމްއެލް އެފޯޑަބަލް ހައުސިން“ މަޝްރޫއުގެ ދަށުން އިތުރު 540 ފްލެޓު އެޅުމަށް ނިންމާފައިވާކަން، މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ހާމަކުރައްވައިފައެވެ.












