ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ އިންޖިނިއަރިންގ ދާއިރާ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ރައްޔިތުންގެ އަޑު“ ސިލްސިލާގެ 12 ވަނަ ޕްރަގްރާމްގައި ވާހަކަދައްކަވަމުން މުޢިއްޒު ވިދާޅުވީ، ދިވެހި އިންޖިނިއަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
މިގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި އިންޖިނިއަރުންގެ ދުވަސް ފާހަގަކުރަން ފަށައި، ”އިންޖިނިއާސް އެވޯޑް 2026“ ވެސް ވަނީ ތަޢާރަފުކޮށް ދޭން ފަށާފައެވެ. މިއީ އިމާރާތްކުރުމުގެ ސިނާޢަތާއި އިންޖިނިއަރިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވީ، ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބުރިޖު އިފުތިތާޙުކުރެވުނު ތާރީޚާ ގުޅުވައިގެންނެވެ.












