އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 1.6 މެގަވޮޓްގެ ދެ ޖެނެރޭޓަރު ސެޓު އެ ސިޓީއަށް ގެންގޮސްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިންނެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، އަލަށް ގެންދެވުނު ދެ ޖެންސެޓް އިންސްޓޯލްކޮށް، ކޮމިޝަންކުރުމުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، އައްޑޫ ސިޓީގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން (ކެޕޭސިޓީ) އިތުރުވެގެންދާނެއެވެ. އަދި މި ބަދަލާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް މި ކުންފުނިން ދޭން ފެށުމަށްފަހު، އެ ސިޓީގެ ކަރަންޓުގެ ޙާލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، 1.6 މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓް މިއަދު ވަނީ އައްޑޫ ސިޓީއަށް ގެންދެވިފައި. މި ޖަނަރޭޓަރު… pic.twitter.com/uZTgZZhCle
— STELCO (@STELCOMALDIVES) November 4, 2026
އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ނެތުމުގެ ސަބަބުން ގްރިޑް އޯވަލޯޑުވެ، އާންމުކޮށް ކަރަންޓު ކެނޑެމުންދާ މައްސަލައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން ސްޓެލްކޯއިން އަލަށް ގެނައި މި ދެ ޖެނެރޭޓަރު ބޭނުންކުރަން ފެށުމަކީ މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އައްޑޫގެ ރައްޔިތުން އުއްމީދު ކުރެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ. އޭގެ ކުރިން އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދެމުން އައީ، އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކުރެވުނު ފެނަކަ ކޯޕަރޭޝަނުންނެވެ.
ސްޓެލްކޯއިން ފާހަގަކުރި ގޮތުގައި، އައްޑޫގެ ކަރަންޓުގެ ޚިދުމަތާ އެ ކުންފުނިން ހަވާލުވި ފަހުން، އެ ސިޓީގެ ކަރަންޓުގެ ޙާލަތު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމަށްޓަކައި މުހިންމު އަދި ހަރުދަނާ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.













