އެމެރިކާގެ ކޮންގްރެސްގެ މިޑްޓަރމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއާއެކު އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ޙަރަކާތްތައް ފުޅާވުމުގެ ބިރު ކުޑަވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ޖެހިޖެހިގެން 4 ވަނަ ދުވަހަށް ދަށަށް ގޮސްފިއެވެ.
ބުރާސްފަތި ދުވަހުގެ ޖީއެމްޓީ 05:00 އާ ހަމައަށް ބްރެންޓް ކްރޫޑް ފިއުޗަރސްގެ އަގު 0.85 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު އުޅެނީ 93.75 ޑޮލަރަށެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު 1.36 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 86.82 ޑޮލަރަށް ވެއްޓިފައެވެ. މިއީ ވޭތުވެދިޔަ ސެޝަންގައި 8 އިންސައްތައަށްވުރެ ބޮޑު ވެއްޓުމަކަށްފަހު، އޮގަސްޓް 31 ގެ ފަހުން ތެލުގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
އިންތިޚާބުގައި ޑިމޮކްރެޓުން ކޮންގްރެސްގެ ދެގެއާއި ސެނެޓުގެ މެޖޯރިޓީ ހޯދުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕަށް އަސްކަރީ ބާރުތައް ބޭނުންކުރުމުގައި ބޮޑެތި ޤާނޫނީ ހުރަސްތަކެއް ކުރިމަތިވާނެއެވެ. މިއާއެކު، އީރާނާއެކު ސިޔާސީ އެއްބަސްވުމަކަށް އައުމަށް ޓްރަމްޕަށް އޮތް ބާރު ބޮޑުވެގެންދާނެ ކަމަށް މާކެޓް ތަޙްލީލުކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އީރާނުގެ ހަނގުރާމަ ފުޅާވުމުގެ ބިރު ކުޑަވުމާއެކު، ޤަޠަރު މެދުވެރިކޮށް ދޯހާގައި ކުރިއަށްދާ ހުރްމުޒް ކަނޑުއޮޅި 2 ދުވަހުން ހުޅުވާލުމުގެ މަޝްވަރާތަކަށް އިތުރު ބާރެއް ލިބި، ދެފަރާތުން ސިޔާސީ ޙައްލަކަށް ވާސިލުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށް ބެލެވެއެވެ.













