ހޮރުމުޒް ކަނޑުއޮޅިން ހުއްދަނެތް މަގަކުން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރަކާއި ޓަގުބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ.
އައިއާރުޖީސީން ބުނި ގޮތުގައި އެ އުޅަނދުތަކުގައި އަލިފާން ރޯވީ ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ދަތުރުކުރުމުގެ ސަބަބުންނެވެ. މީގެއިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ދެ ޑްރޯން، އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް އީރާނުގެ އިލެކްޓްރޯނިކް ވޯފެއާ ޔުނިޓުތަކުން ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އީރާނުން ވަނީ ދައުވާކޮށްފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ސްޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ އަދާވާތްތެރިކަން ދެމިއޮންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާގެ އިތުރުން، ގަތަރުގެ މަދީނަތު އަޝް ޝަމާލްގެ އުތުރުން އޮންނަ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ކާކުކަން ނޭނގޭ ފަރާތަކުން ދިން ދެ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ ރިޕޯޓްކޮށްފައެވެ.
އަނެއްކޮޅުން، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މަދީނާއަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ވަނީ ވައިގެ ތެރޭގައި ދިފާއުކޮށް، ނާކާމިޔާބު ކޮށްލާފައެވެ.
މި ހުރިހާ ހާދިސާތަކަކާ ގުޅިގެން ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށާއި ތެލުގެ ވިޔަފާރިއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.










