ހޮރްމޫޒް ކަނޑުއޮޅީގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވެ، ޢޮމާނުގެ ލިމާ ކައިރިން ދަތުރުކުރި ތެޔޮ ބޯޓެއްގެ އެންޖީނު ރޫމަށް ދެ ޙަމަލާއެއް ދީފައިވާކަމަށް އިނގިރޭސިވިލާތުގެ ޔޫކޭއެމްޓީއޯއިން ހާމަކޮށްފިއެވެ.
ޔޫކޭއެމްޓީއޯއިން ބުނި ގޮތުގައި، ޢޮމާނުގެ ލިމާ އަވަށާ 14 ނޯޓިކަލް މޭލު (26 ކިލޯމީޓަރު) އުތުރުއިރުން ދަތުރުކުރި ތެޔޮ ބޯޓެއްގެ އެންޖީނު ރޫމަށް ވަނީ ނޭނގޭ ދެ ހަމަލާއެއް އަމާޒުވެފައެވެ. މީގެ އިތުރުން، އީރާނުގެ އައިއާރުޖީސީން ވަނީ މަނާ މަގުތަކުން ރާޑަރު ނިއްވާލައިގެން ދަތުރުކުރި 4 ތެޔޮ ބޯޓެއް މައިންތަކުގައި ޖެހި އަލިފާންރޯވެފައިވާ ކަމަށާއި، އިތުރު 2 ބޯޓެއް އީރާނުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ހާމަކުރި ގޮތުގައި، ހުރުމުޒްގާން ޕްރޮވިންސްގެ ބަންދަރު ޚަމީރު މަތިން ދަތުރުކުރި އެމެރިކާގެ ’ލޫކަސް‘ މަރުކާގެ 2 އެޓޭކް ޑްރޯން އީރާނުގެ ވައިގެ ދިފާޢީ ބާރުތަކުން ވަނީ ވައްޓާލާފައެވެ.
އެމެރިކާގެ މިއަސްކަރީ ހަރަކާތްތަކުގެ މަޤްޞަދަކީ އިންތިޚާބަށްފަހު އެމެރިކާއިން އީރާނަށް ދޭންއުޅޭ ޙަމަލާތަކާ ގުޅިފައިވާ ކަމެއްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާގެ ސިޔާސީ މުފައްކިރު ޖޯން މިއަރޝައިމަރ ވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ފަށަން އުޅޭ 3 ދުވަހުގެ ކުރު ބޮންއެޅުމުގެ ޙަރަކާތަށް ފާޑުކިޔާފައެވެ. ”40 ދުވަހުގެ ބޮންއެޅުމުގެ ކެމްޕޭނުން ނަތީޖާއެއް ނުނެރެވުނުއިރު، 3 ދުވަހުގެ ކެމްޕޭނަކުން ނެރެވޭނީ ކޮން ނަތީޖާއެއް؟“ މިއަރޝައިމަރ ސުވާލުކުރިއެވެ. އޭނާ އިންޒާރު ދިނީ މިފަދަ ޙަމަލާތަކުގެ ސަބަބުން އީރާނުން ދޭނެ ރައްދުތަކާއެކު ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބި، ހަނގުރާމަ ދިގުދެމިގެންދާނެ ކަމަށެވެ.













