އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން އަސްކަރީ ޙަމަލާއެއް ދީފިނަމަ، އީރާނުގެ ރައްދު ”މާ ބޮޑު ދާއިރާއަކަށް ފުޅާވެގެންދާނެ“ ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ އިންޒާރު ދީފިއެވެ.
މުޖުތަބާ ޚާމަނާއީ ނެރުނު ލިޔުމެއްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ޢުދުވާންތައް ތަކުރާރުކޮށްފިނަމަ ހަނގުރާމައިގެ ދާއިރާ މުޅިން ފުޅާވެގެންދާނެ ކަމަށެވެ. އަދި ބާރުގަދަ ދުޝްމަނުންގެ ކުރިމަތީގައި ކުޑަކޮށްވެސް ދޫދިނުމަކީ ލިބުނު ބޮޑެތި ކާމިޔާބީތައް ގެއްލިގެންދާނެ ކަމެއް ކަމަށާއި، އީރާނުގެ ދިފާޢީ ބާރު އިތުރަށް ވަރުގަދަކުރުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާ ނުވަތަ އިޒްރޭލުން ދީފާނެ ޙަމަލާއަކަށް ވަގުތުން ރައްދުދިނުމަށް ’މެކްސިމަމް ޑިޓަރެންސް‘ (އެންމެ މަތީ ދަރަޖައިގެ ދިފާޢީ) ޕްލޭން ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އަދި އީރާނަށް ހަމަލާދިނުމަށް އެމެރިކާއަށް ފުރުޞަތުދޭ ސަރަޙައްދީ ޤައުމުތަކަށްވެސް ސީދާ ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ތަކުރާރުކޮށްފައެވެ.
އީރާނުން ވަނީ ޙަމަލާދޭނެ އަމާޒުތަކުގެ ލިސްޓަށް އެމެރިކާއާއި އިޒްރޭލުގެ އިތުރު އަސްކަރީ މަރުކަޒުތައް އިތުރުކޮށްފައެވެ. މީގެ ތެރޭގައި މެދުއިރުމަތީގެ އިތުރުން ވިލާތުގެ ޤައުމުތަކުގައި (ސައިޕްރަސް، ގްރީސް، އިޓަލީ، އަދި އިނގިރޭސިވިލާތް) ހުރި އެމެރިކާއާއި ނޭޓޯގެ މަރުކަޒުތަކާއި، އިންޑިއާ ކަނޑުގައިވާ ދިއޭގޯ ގާސިއާ މަރުކަޒު ހިމެނެއެވެ. މީގެ އިތުރުން، އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކުރައްވައި އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް ބުނީ، އެމެރިކާގެ ރައްޔިތުން ”ހަނގުރާމައަށް ނޫނެކޭ“ ބުނެފައިވާ ކަމަށެވެ.













