ލިއޮނެލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުން އެކުލަވާލި ފުރަތަމަ ސްކޮޑުން, އޭނާއާއެކު އިންޓަ މިއާމީއަށް ކުޅެމުންއަންނަ ރޮޑްރީގޯ ޑި ޕޯލް ބާކީކޮށްފިއެވެ.
ކޯޗު ލިއޮނެލް ސްކަލޯނީ މި މަހު އުރުގުއޭ އާއި ކޮސްޓާ ރިކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި 28 ކުޅުންތެރިންގެ ސްކޮޑުން ޑި ޕޯލްގެ އިތުރުން ޖިއޮވާނީ ލޯ ސެލްސޯވެސް ވަނީ އުނިކޮށްފައެވެ.
މި ދެ ކުޅުންތެރިން ބާކީކުރި މައިގަނޑު ސަބަބަކީ ކޯޗިން ސްޓާފުން ޓީމަށް އާ ކުޅުންތެރިން އިތުރުކޮށް ޖީލީ ބަދަލެއް ގެންނަން ބޭނުންވުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްކަލޯނީ ވަނީ ކުރިއަށް އޮތް ތަނަށް އަމާޒުކޮށް، އެޒެކިއެލް ފެރްނާންޑޭޒް، މެކްސިމޯ ޕެރޯނީ އަދި ވާލެންޓީން ބާކޯ ފަދަ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތު ދިނުމަށް އިސްކަންދީފައެވެ. ނަމަވެސް، ކްލަބްތަކުގައި ދައްކާ ކުޅުމަށް ބަލައި ކުރިއަށް އޮތް ތަނުގައި މި ކުޅުންތެރިންނަށް އަލުން ޓީމުން ފުރުސަތު ލިބުމުގެ ދޮރު ބަންދުނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން އަނިޔާގެ ސަބަބުން ލައުތާރޯ މާޓިނޭޒް، ކްރިސްޓިއަން ރޮމޭރޯ އަދި ނިކޮލަސް ގޮންޒާލޭޒް ސްކޮޑުގައި ހިމެނިފައިނުވާއިރު، ސަސްޕެންޝަނުގެ ސަބަބުން ލެއަންޑްރޯ ޕެރޭޑޭސް އާއި ނަހުއެލް މޮލީނާވެސް ވަނީ ބާކީވެފައެވެ.














