ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމާ މެދު އެމެރިކާއިން ދިން ޖަވާބަކީ ”ޤަބޫލުކުރެވޭ ފަދަ ޖަވާބެއް ނޫން“ ކަމަށާއި، އީރާނުން ހުށަހަޅާފައިވާ 7 ޝަރުޠު އެމެރިކާއިން ފުރިހަމައަށް ގަބޫލުކޮށް ތަންފީޛުކުރުމުން މެނުވީ ކަނޑުއޮޅި ހުލުވާނުލާނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރެޟާއީ ބުނެފިއެވެ.
ޤަޠަރުގެ މެދުވެރިން މެދުވެރިކޮށް އެމެރިކާއިން ފޮނުވި ހުށަހެޅުންތައް ދިރާސާކުރުމަށްފަހު، ރެޟާއީ ސޯޝަލް މީޑިއާގައި ބުނީ އެމެރިކާ ދިން ޖަވާބުގައި އީރާނުގެ ޙައްޤުތަކަށާއި ޝަރުޠުތަކަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. ”އެމެރިކާއިން ޖެހޭނީ އީރާނުގެ 7 ޝަރުޠަށް ސީދާ އަދި ފުރިހަމަ ޖަވާބެއްދީ، އެ ކަންކަން ތަންފީޛުކުރަން. ހޮރްމުމޫޒް ކަނޑުއޮޅި ހުޅުވާލެވޭނީ އެއަށްފަހު،“ ރެޟާއީ ބުންޏެވެ.
އީރާނުން ހުށަހަޅާފައިވާ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި:
– ޣައްޒާއާއި ލުބުނާން ހިމެނޭހެން މުޅި ސަރަޙައްދުގައި ހަނގުރާމަ ފުރިހަމައަށް ހުއްޓާލުން.
– އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިއަށްގެންދާ ނޭވަލް ބްލޮކޭޑް އުވާލުން.
– ބޭރު ޤައުމުތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުން.
– އީރާނުގެ ތެލުގެ ދާއިރާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން.
– ސަރަޙައްދުން އެމެރިކާގެ އަސްކަރީ ބާރުތައް ބޭރުކުރުމާއި، ހަނގުރާމައިގެ ބަދަލު ދިނުން.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ބުނީ، އެމެރިކާއިން މާޒީގައި އެއްބަސްވުންތަކާ ޚިލާފުވެފައިވާ ތާރީޚަށް ބަލާއިރު، އީރާނުން ސިޔާސީ މަޝްވަރާތަކުގައި ބައިވެރިވަނީ ”ބޮޑުވެގެންވާ އިތުބާރުނުކުރުމަކާއެކު“ ކަމަށެވެ.













