ދަރަނީގެ އަޅުވެތިކަމުން ދިވެހި ޤައުމު މިނިވަންކުރަންޖެހޭކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ހަތިޔާރުގެ އަޅުވެތިކަމުން ދިވެހީން ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ދިވެހި ޤައުމު މިނިވަންކުރަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ޤައުމެއްގެ އަމިއްލަ ބަސް ބުނެވޭނީ އަދި އަމިއްލަ ދީނާއި ގޮތްތައް ރައްކާތެރި ކުރެވޭނީ ސަލާންޖަހަން ނުޖެހޭ އިޤްތިޞާދެއް އޮވެގެން ކަމަށެވެ. އަދި ޒިންމާދާރުކަމެއް ނެތި ދަރަނި ނަގައި ފައިސާ ޗާޕުކުރި ޘަޤާފަތް ނިމުމަކަށް ގެނެސް، ނަގާފައި ހުރި ދަރަނިތައް ދައްކައި ޚަލާޞްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ދެމުންއައި އިންޒާރުތަކުން ޤައުމު ސަލާމަތް ކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.













