ޒުވާން އުފެއްދުންތެރިންގެ ވިޔަފާރި ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމުގެ މަގުސަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ”ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން“ ސްކީމުގެ ދެވަނަ ފިޔަވަހި ރަސްމީކޮށް އިފުތިތާހުކޮށް، އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކީމަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން، ވިޔަފާރި ފެށުމަށާއި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ގޮތްތަކެއްގެ މަތިން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ.
މި ފިޔަވަހީގެ ދަށުން އެއްވެސް މުދަލެއް ރަހުނުކުރުމަކާ ނުލައި އަދި އިކުއިޓީއެއް ހުށަހަޅަން ނުޖެހި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަހަރަކު 7 އިންސައްތައިގެ ފައިދާ ރޭޓުގައި ދޫކުރާ މި މާލީ އެހީ އަނބުރާ ދައްކަން ފަށަންޖެހޭނީ ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކަށް ފަހުގައެވެ.
މި ސްކީމުގެ ދަށުން ފައިނޭންސިން ދޫކުރުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ ހުނަރުތަކާއި ވިޔަފާރި ހިންގުމުގައި ސަމާލުވާންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުމުގެ މައުލޫމާތު ދިނުމަށް ޚާއްސަ އޮންލައިން ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށެވެ. ޕްރޮގްރާމް ނިންމުމަށްފަހު ’ބީއެމްއެލް ސްވައިޕް‘ އެޕް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތު ދޭ ގޮތުގައި މި ސްކީމުގެ ފުރަތަމަ ފިޔަވަހިން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ ތަފާތު ސަރަހައްދުތަކުން 3،000 އެއްހައި ޒުވާނުންނަށް ޖުމްލަ 300 މިލިއަން ރުފިޔާގެ ފައިނޭންސިން ވަނީ ދޫކޮށްފައެވެ.













