ގދ. ތިނަދޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ. މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ތެރެއިން ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެ ތަންތަނުން ވަގުތީ ބަރުދަނުގައި 6.3 ގުރާމް ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
އަޙްމަދު ހާޝިމް (36އ)، މިނިވަންއައްސޭރި / ގދ. ތިނަދޫ
އަތޫފް އަޙްމަދު (25އ)، ވެހަފުލާ / ގދ. ތިނަދޫ
ނާޖިދު ޢަބްދުﷲ (42އ)، ވިލާޑީލައިޓް / ގދ. ތިނަދޫ
މުޙައްމަދު ޝާއިފް ޖަލީލް (18އ)، ފުސްފަރާގެ / ގދ. ގައްދޫ
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.










