އަވަށްޓެރިންނަށް ޖެއްސުންކޮށް އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކޮށް، ފަރުވާ ދިނުމަށް ކޭ-ހިންމަފުށީގައި ހުންނަ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މަރުކަޒަށް ބަދަލުކުރި އަހްމަދު ފައިރިޝް އެ ތަނުން ފިލައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުން ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކުރި ފައިރިޝް އެ ތަނުން ފިލާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާ ފިލި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމުގެ އިތުރުން މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ފައިރިޝް ހައްޔަރުކުރީ މި ހިނގާ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ. ނަމަވެސް، ކޯޓުގައި ފައިރިޝް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ފައިރިޝް ހައްޔަރުކުރަން ފުލުހުންނަށް މަޖުބޫރުވީ، ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަހައްދުގައި އޭނާ އާންމުންނަށް ކުރަމުންދިޔަ އުނދަގޫތަކަށް ހައްލެއް ނުލިބިގެން އެ ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު ފުލުހުންގެ އިދާރާ ކައިރީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ ގުޅިގެންނެވެ.
އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ފުރައްސާރަކޮށް ޖެއްސުންކުރާތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި، ކަމާބެހޭ މުއައްސަސާތަކަށް ޝަކުވާ ހުށަހަޅައިގެން ވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށް އެ ސަރަހައްދުގެ ދިރިއުޅޭ މީހުން ބުނެއެވެ.











