މާލޭގައި ހުންނަ ފަހާ ތަނަކަށް ހެދުމުގެ މިން ނަގަން ދިޔަ 19 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، މި ހާދިސާ ހިނގާފައިވަނީ އެ ފަހާ ތަނަށް ދިޔަ ޒުވާން އަންހެންކުއްޖާ ހެދުމުގެ މިން ނެގުމަށްޓަކައި ޗޭންޖިން ރޫމަށް ވެއްދުމަށްފަހުގައެވެ. އަދި އެ ތަނުގެ ތެރޭގައި އެ ބިދޭސީ ފިރިހެންމީހާ އެ އަންހެންކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ހައްޔަރުކުރި މީހާއަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ 228 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ.














