ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި ވޯޓު، އިދިކޮޅު އެމްޑީޕީއާ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދައި، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް އިންތިޚާބީ 3 ގޮނޑިއެއް ޚާއްޞަކޮށްފައިވެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސާއިންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
މި އިންތިޚާބުގައި ސިޓީ ކައުންސިލްތައް ތަމްސީލުކުރައްވާ ގޮނޑިއަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ އެލްޖީއޭ ބޯޑަށް ހޮވިވަޑައިގެންފައެވެ. އެހެންކަމުން މިއަދު އިންތިޚާބު ކުރިއަށްދިޔައީ ބާކީ އޮތް ދެ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށެވެ.
ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމަށް ޕީއެންސީގެ އަލީ އަހުމަދު އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ އަލީ ޒާފިރުއާ ވާދަކުރައްވައިގެންނެވެ.
އަލީ އަހުމަދު (ޕީއެންސީ) – 314 ވޯޓު
އަލީ ޒާފިރު (އެމްޑީޕީ) – 227 ވޯޓު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ މަރިިޔަމް ޒީނާއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ މަރިޔަމް ނީނާއެވެ.
މަރިިޔަމް ޒީނާ (ޕީއެންސީ) – 93 ވޯޓު
މަރިޔަމް ނީނާ (އެމްޑީޕީ) – 67 ވޯޓު
ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮނޑިއަށް ނެގުނު ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓް 314 ވޯޓު ހޯއްދެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 227 ވޯޓެވެ. ޖުމްލަ ވޯޓުގެ 58.04 އިންސައްތަ ހޯއްދަވައިގެން ޕީއެންސީން މި ގޮނޑި ކާމިޔާބުކުރިއިރު، ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ލިބިފައިވަނީވެސް ޕީއެންސީގެ ކެންޑިޑޭޓަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ގޮނޑިވެސް ޕީއެންސީން ކާމިޔާބުކުރީ 26 ވޯޓުގެ ތަފާތަކުންނެވެ. އެ ގޮނޑިއަށް ޕީއެންސީގެ ކެންޑިޑޭޓަށް 89 ވޯޓު ލިބިވަޑައިގަތްއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 63 ވޯޓެވެ.














