އީރާނަށް އަލުން ޙަމަލާއެއް ދީފިނަމަ ’ބިން ގުޑައިގެން ދާނެފަދަ ވަރުގަދަ ޙަމަލާއެއް‘ ދޭނެކަމަށާއި، ކުރީގެ ’ރަތް ރޮނގުތަކަކީ މިހާރު މާޒީގެ ކަމެއް‘ ކަމަށް ބުނެ އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވަރުގަދަ އިންޒާރެއް ދީފިއެވެ.
ޢަރާޤްޗީ މި އިންޒާރު ދެއްވާފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވިލާތުގެ ހަކަތައިގެ ޚަރަދުތަކަށް 100 ބިލިއަން ޔޫރޯ އަށްވުރެ ގިނައިން އިތުރުވެފައިވާކަމަށް ބުނެ ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް ޝަކުވާކުރުމާ ގުޅިގެންނެވެ. ޢަރާޤްޗީ ބުނީ، އިޒްރޭލާއި އެމެރިކާއިން އީރާނަށް ބޮން އަޅަން ފެށުމުން މާރޒް ވަނީ އެއީ ”ވިލާތުގެ ހަޑި މަސައްކަތް ކޮށްދިނުން“ ކަމަށް ބުނެ ތައުރީފު ކޮށްފައެވެ. ”އީރާނުގެ ވަރުގަދަ އަސްކަރިއްޔާއިން ދޭނެ ބިންގުޑައިގެން ދާނެފަދަ ޙަމަލާއާ އަޅާބަލާއިރު 100 ބިލިއަން އޫރޯއަކީ އެއްވެސް އެއްޗެއް ނޫން،“ ޢަރާޤްޗީ ބުންޏެވެ.
ސައުތު ކޮރެއާއަށް ކުރި ޒިޔާރަތެއްގައި ވާހަކަދައްކަމުން ޖަރުމަނުގެ ޗާންސެލަރ މާރޒް ވަނީ، ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލި ވިލާތުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް އިޤުރާރުވެފައެވެ. އަދި އަސްކަރީ ބާރުގެ ބަދަލުގައި ސިޔާސީ މަޝްވަރާތަކުން ހަނގުރާމަ އަވަހަށް ނިންމުމަކީ ވިލާތުގެ އިޤްތިޞާދީ މަޞްލަޙަތަށް ބޭނުންތެރި ކަމެއް ކަމަށް އޭނާ ބުންޏެވެ.
ޢަރާޤްޗީގެ އިންޒާރާއެކު، ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުގެ އައިއާރުޖީސީ ނޭވީން ވަނީ 4 ވަނަ ތެޔޮ ބޯޓުގައި އަލިފާންރޯވެ ގޮވާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އީރާނުގެ ލަވާން އައިލެންޑްގެ ދެކުނުން ދަތުރުކުރި އުޅަނދަކަށް ޙަމަލާއެއް އަރާފައިވާކަމަށް ޔޫކޭއެމްޓީއޯއިން ވަނީ ރިޕޯޓުކޮށްފައެވެ.














