ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟާއި، އިރުމަތީ ޕްރޮވިންސްގެ އިތުރުން މުޤައްދަސް ދެ ސިޓީ ކަމަށްވާ މައްކާއާއި މަދީނާ ސަރަޙައްދު މަތިން އައި ޙަމަލާދޭ ޑްރޯންތަކެއް ވައްޓާލާފައިވާ ކަމަށް ސަޢޫދީ ކޯލިޝަނުން ހާމަކޮށްފިއެވެ.
ސަޢޫދީ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވި ގޮތުގައި، ހުކުރު ދުވަހު ސަޢޫދީގެ އެކި ސަރަޙައްދުތަކުގެ ވައިގެ ސަރަޙައްދަށް ވަންނަން އުޅުނު ގިނަ ޑްރޯންތަކެއް ސަޢޫދީގެ ވައިގެ ދިފާޢީ ބާރުތަކުން ވަނީ އިންޓަރސެޕްޓްކޮށް ގޮއްވާލާފައެވެ. މީގެ ތެރޭގައި ރިޔާޟާއި، ތެލުގެ ފެސިލިޓީތައް ހުންނަ އިރުމަތީ ސަރަޙައްދާއި، މައްކާއާއި މަދީނާ ސަރަޙައްދަށް އަމާޒުކުރި ޑްރޯންތައް ހިމެނެއެވެ.
ނަމަވެސް، ޔަމަނުގެ ހޫޘީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ ހުކުރު ދުވަހު ސަޢޫދީ ޢަރަބިއްޔާގެ އެއްވެސް ސަރަޙައްދަކަށް އަމާޒުކޮށް އެއްވެސް ޑްރޯން ނުވަތަ މިސައިލް ޙަމަލާއެއް ދީފައިނުވާނެ ކަމަށް ބުނެ ސަޢޫދީގެ ދައުވާތައް މުޅިން ދޮގުކޮށްފައެވެ. ސަރީޢު ބުނީ ސަޢޫދީއިން ފަތުރަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ހޫޘީންގެ ޙަމަލާތައް އަމާޒުކުރަނީ ހަމައެކަނި ސަޢޫދީގެ އަސްކަރީ މަރުކަޒުތަކަށާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ކަމަށެވެ.
މުޤައްދަސް ދެ ސިޓީ ކަމަށްވާ މައްކާއާއި މަދީނާއަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ބުނެ ސަޢޫދީއިން ކުރާ ދަޢުވާތަކާއި، އެކަން ދޮގުކޮށް ހޫޘީން ނެރޭ ބަޔާންތަކާއެކު، ސަރަޙައްދީ ނުވަތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ. މިއީ މުޅި މެދުއިރުމަތީގައި ހިނގަމުންދާ ބޮޑު ހަނގުރާމައިގެ ތެރެއިން ދެފަރާތުގެ މެދުގައި ހިނގަމުންދާ ވާދަވެރިކަމެއްގެ ގޮތުގައި ތަޙްލީލުކުރާމީހުން ފާހަގަކުރެއެވެ.














