އަމީނީ މަގު އަލުން މަރާމާތުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ތިންވަނަ ސެގްމެންޓުގެ އެންމެހައި މަސައްކަތްތައް ނިންމައި މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަގު ޒަމާނީ ފެންވަރަކަށް އަލުން މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ މިދިޔަ ޖޫން މަހުގެ 15 ގައެވެ. އަދި އަމަލީ މަސައްކަތް ބައިބަޔަށް ބަހާލައިގެން އެ ކުންފުނިން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހަތަރު ސެގްމެންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމެންޓުގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދެވެ. ދެވަނަ ސެގްމެންޓަކީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ. މި ހަފުތާގައި ހުޅުވާލަން ތައްޔާރުވަމުންދާ ތިންވަނަ ސެގްމެންޓަކީ އިއްޒުއްދީން މަގުން ފެށިގެން ކޯރިކެނޑި ހިނގުމާ ދެމެދު އޮތް ބައެވެ. އަދި ހަތަރުވަނަ ސެގްމެންޓުގައި ހިމެނެނީ ކޯރިކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮތް ސަރަހައްދެވެ.
މި މަޝްރޫއުގެ ފުރަތަމަ ދެ ސެގްމެންޓުގައި ތާރުއަޅައި މިހާރު ވަނީ އާންމުންނަށް ދަތުރުފަތުރު ކުރެވޭ ގޮތަށް ހުޅުވާލާފައެވެ.
އަމީނީ މަގު އަލުން ހަދަން ޖެހުނު މައިގަނޑު ސަބަބަކީ، ކުރީގެ ސަރުކާރުން އެ މަގުގައި ތާރުއަޅައި ނިންމިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މަގުގެ އެކި ހިސާބުތަކުގައި ބޮޑެތި އަޑިގުޑަންތައް އުފެދުމެވެ. މިކަމުގެ ސަބަބުން މަގު ބޭނުންކުރާ އުޅަނދުތަކަށާއި ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މި މަޝްރޫއު އަވަހަށް ނިންމައި ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ.














