ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އާންމު ރައްޔިތުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް ޖާގަދީގެން ރައްޔިތުން މުއްސަނދިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް އަލިއަޅުއްވާލައްވައި، ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން އެދޭ މިސްރާބަށް ކަމަށެވެ. އަދި އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ވެސް އުފެއްދުންތެރިންނަށާއި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމަށެވެ.
”ކުދި ވިޔަފާރިތައް އުފައްދަން ފުރުސަތުދޭން އަޅުގަނޑު ބޭނުންވަނީ. މެދުފަންތީގެ ވިޔަފާރިތައް އުފައްދަން ފުރުސަތުދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުން މުއްސަނދިކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ މިފަހަރު މިފެންނަނީ ކުރީ ފަހަރުގެ ޑަބަލް. ގިނަ އަދަދަކަށް އުފެއްދުންތައް އުފައްދައިގެން ރައްޔިތުން ބައިވެރިވެގެން އުޅުއްވާތަން. އެހެންވީމަ ވަރަށް އުފާކުރަން އެކަމަށްޓަކައި. އެންމެ ކުދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ސެކްޓަރ ފުޅާކުރުމަށްޓަކައި މިއަދާއި ހަމައަށް އައިއިރުވެސް އެކި ކަންކަން ފަހިކޮށްދީފައި މިވަނީ،“ ރައީސް ވިދާޅުވިއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މުހިންމު ތިން ނިންމެވުމެއް ރައީސް ވަނީ އިޢުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަސައްކަތެއް ކޮށްދީގެން ފައިސާ ނުލިބިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދިނުން ހިމެނެއެވެ.
މީގެއިތުރުން، ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށްޓަކައި ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިފަދަ ފިޔަވަޅުތަކާއެކު ސަރުކާރުން އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ޖީޑީޕީގައި އުފެއްދުންތެރިކަމުގެ ދާއިރާގެ ހިއްސާ 15 އިންސައްތައަށް އިތުރުކުރުމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މިއަހަރުގެ ތެރޭގައިވެސް އެސްއެމްއީތަކަށް ގިނަ ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެފަދަ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނު މިހާރު ވަނީ އިސްލާހުކޮށްފައެވެ.














