ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި 3 ތެޔޮ ބޯޓެއް ކަނޑުގައި އިންދާފައިވާ މައިންތަކެއްގައި (ނަވަލް މައިންސް) ޖެހި، ގޮވައި އަލިފާންރޯވެފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރެވަލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީން ހާމަކޮށްފިއެވެ.
އައިއާރުޖީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ތިން ތެޔޮ ބޯޓަކީ އީރާނުން މަނާކޮށްފައިވާ ދެކުނު މަގުން ދަތުރުކުރަން އުޅުނު އުޅަނދުތަކެއް ކަމަށެވެ. އަދި އެ އުޅަނދުތަކުން ވަނީ ރާޑަރާއި ނެވިގޭޝަން ސިސްޓަމްތައް ނިއްވާލައި، އީރާނުގެ ނޭވީން ދިން އިންޒާރުތަކަށް ނުކިޔަމަންތެރިވެފައި ކަމަށެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ވަނީ އޮމާން ކައިރިން ހޮރްމޫޒް ކަނޑުއޮޅީގައި އުޅަނދެއްގައި އަލިފާންރޯވެގެން ރިޕޯޓު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. އީރާނުން ކަނޑުއޮޅީގައި މައިންސް ބޭނުންކޮށްގެން ދޭ ޙަމަލާތައް އިތުރުވުމާ ގުޅިގެން، ފާރިސީ ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ބޯޓުފަހަރުގެ އިންޝުއަރެންސް އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.














