މައްކާ އަލް-މުކައްރަމާ ސަރަޙައްދަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ފޮނުވާލި ޙަމަލާދޭ ޑްރޯނެއް، ސަޢޫދީ ކޯލިޝަންގެ ވައިގެ ދިފާޢީ ބާރުތަކުން އިންޓަރސެޕްޓްކޮށް ގޮއްވާލައިފިއެވެ.
ސަޢޫދީ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ މައުލޫމާތު ދިން ގޮތުގައި، މައްކާ ސަރަޙައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ޑްރޯން ވަނީ ވައިގެ ތެރޭގައި ވައްޓާލާފައެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ ހެނދުނު ސަޢޫދީގެ ހުޅަނގު ސަރަޙައްދަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ކްރޫޒް މިސައިލެއްވެސް ސަޢޫދީ ވައިގެ ދިފާޢީ ބާރުތަކުން ވަނީ ގޮއްވާލާފައެވެ.
މި ޙަމަލާ ދީފައިވަނީ ސަޢޫދީގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ސަޢޫދީއިން ވައްޓާލުމުން، އޭގެ އެތިކޮޅުތައް ވެއްޓި މީހަކަށް އަނިޔާވެ ގެއަކަށް ގެއްލުން ލިބުނުތާ 24 ގަޑިއިރު ނުވަނީހެވެ. ހޫޘީން ވަނީ ސަޢޫދީގެ ރައުސް ތަނޫރާ އަދި ރާބިޣްގައިވާ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށާއި، ރިޔާޟާއި ދައްމާމުގެ އެއާޕޯޓުތަކަށް އަމާޒުކޮށް 6 ހަމަލާއެއް ދީފައިވާކަމަށް ބުނެފައެވެ.














