ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެން ކަމަށްވާތީ، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. މިއަދު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާއިރު، މިއަދު މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދިއުމާއި، ޢާއިލާގެ ތެރޭގައި އޮންނަންޖެހޭ ގުޅުންތައް ނުއޮތުމާއި، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ދިއުމަކީ އެންމެންގެވެސް ޝަކުވާއެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި މިކަންކަން އިޞްލާޙުކުރަން މަސައްކަތްކުރަންޖެހިފައިވާކަން ބަޔާންކުރައްވައި، އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުންއަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެކުދިންނަށް ދެވޭ ތަޢުލީމުކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީ އިސްލާމްދީންމަތީގައި ކަމަށްވިޔަސް، އެކުއްޖަކު އެކި ގޮތްގޮތަށް ބައްޓަންވަނީ ދެވޭ ތަޢުލީމާއި ތަރުބިޔަތާއި ގެންގުޅެ ބޮޑުކުރެވޭ ގޮތުންނެވެ. މިކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށާއި، އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން ކަމަށެވެ. އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރަށް، މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި، ގާތްތިމާގެ މީހުންނަކީ ކޮބައިކަމާއި ރަޙިމުގެ ގުޅުން ގުޅިފައިވާ ބަޔަކީ ކޮބައިކަން ބުނެދީ ގުޅުން ބަދަހިކުރަން ދަސްކޮށްދޭންޖެހޭނެކަން ހަނދާންކޮށްދެއްވިއެވެ.
އިސްލާމްދީނުގައި ދަމަހައްޓަން އަންގަވާފައިވާ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުން ކަމަށްވާއިރު، ”ރަޙިމު“ގެ ނަން ގުޅުވާލެވިފައިވަނީ މާތް ﷲ ގެ އިސްމުފުޅު ”الرَّحْمَـٰن“ އާއެވެ. ޤުދުސިއްޔަ ޙަދީޘެއްގައިވާ ގޮތުން، ރަޙިމުގެ ގުޅުމަށްޓަކައި ﷲ ތަޢާލާގެ ނަންފުޅުތަކުން ނަމެއް ކަނޑައެޅުއްވި ކަމަށާއި، އެ ގުޅުން ނުކަނޑައި ދަމަހައްޓައިފި މީހަކާއެކު ގުޅުން ޤާއިމުކުރައްވައި، އެ ގުޅުން ކަނޑައިފި މީހަކާ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވާނެކަމަށް ވަނީ ވަޙީކުރައްވާފައެވެ. އަދި އެހެން ޙަދީޘެއްގައިވާ ގޮތުން، މަޚްލޫޤުން ހައްދަވައި ނިމުމުން ރަޙިމު އައިސް ގުޅުން ކެނޑުމުން ރައްކާތެރިކަމަށް އެދުމުން، ރަޙިމާއެކު ގުޅުން ބަދަހިކުރި މީހަކާއެކު ގުޅުން ޤާއިމުކުރައްވައި، ގުޅުން ކަނޑައިލި މީހަކާ ގުޅުން ކަނޑައިލެއްވުމަށް ﷲ ތަޢާލާ ވަނީ ނިޔާކަނޑައަޅުއްވާފައެވެ.
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެކެވެ. ތިމާގެ ރިޒުޤު ތަނަވަސްވެ، ޢުމުރު ދިގުވުމަށް ނުވަތަ ޢުމުރުގައި ބަރަކާތްލެއްވުމަށް އެދޭ މީހާ، ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓަންޖެހޭނެ ކަމަށް ރަސޫލާގެ ޙަދީޘްފުޅެއްގައި ބަޔާންވެގެންވެއެވެ.
ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައި، ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެ ކަމަށް ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. މީގެއިތުރުން ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން އަނެކާ ގުޅުން ބޭއްވުމުން ބަދަލުގައި ގުޅުން ބޭއްވުން ނޫން ކަމަށާއި، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ ގާތްތިމާގެކަމުގެ ގުޅުން ކެނޑިއްޖެ ހިނދުގައިވެސް އެ ގުޅުން ދަމަހައްޓާ މީހާކަމަށް ޙަދީޘްކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.
ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނީ ލިބޭ ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތުކުރާނެ ޤާބިލުކަން ހުރި ބަޔަކަށް ތަރުބިޔަތުކުރަން ތިބި މީހުން ވެގެން ކަމަށްވެސް ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ޢާއިލާއެއްގައި ދެމަފިރިންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ.
މައިންބަފައިންނަށް ކިޔަމަންވުމަކީ ވާޖިބެއްކަމުގައިވިޔަސް، ކިޔަމަންވާންޖެހެނީ ﷲ އަށް އުރެދެވޭކަމަކަށް އަމުރުނުކުރާހާ ހިނދަކު ކަމަށާއި، ޚާލިޤުވަންތަ ﷲ އަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތްކަން ޚުޠުބާގައި ބަޔާންކުރެއްވިއެވެ. މީގެއިތުރުން ދަރިންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ހެޔޮލަފާ ޤާބިލު ބަޔަކަށް ހެދުމަކީ ހަމައެކަނި ތަޢުލީމުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ތަޢުލީމާއެކު ތަރުބިޔަތުވެސް ދޭންޖެހޭނެކަން ފާހަގަކުރެއްވިއެވެ.
ދަރިން ތަރުބިޔަތުކުރުމުގައި މާއްދީ ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރަށް، ނަސޭހަތްތެރިވެ އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކަށް ހެދުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް ކަމަށާއި، މިކަމުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރިންނަށް ރިވެތި ނަމޫނާއަކަށް ވެގެން ކަމަށް ވިދާޅުވިއެވެ. އަދި ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދީ ދީނީ ވާޖިބުތަކަށް ބާރުއެޅުމުގެ ގޮތުން، ހަތް އަހަރުވުމުން ނަމާދުކުރަން އަމުރުކުރުމަށާއި، ދިހަ އަހަރުވުމުން ނަމާދު އަޅައިފިނަމަ އަނިޔާނުވާ ގޮތަށް އަދަބުދީގެންވެސް ނަމާދުކުރުވުމަށާއި، އެކުދިންގެ ތަންމަތިތައް ވަކިކުރުމަށް ރަސޫލާ ޙަދީޘްކުރައްވާފައިވާކަން ހަނދާންކޮށްދެއްވިއެވެ.
މިއަދުގެ ޚުޠުބާ ނިންމަވާލައްވާފައިވަނީ ދަރިން ހެޔޮގޮތުގައި ތަރުބިޔަތުކުރުމުގެ ތައުފީޤު މިންވަރުކުރައްވައި، ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުންތައް ދަމަހައްޓާ، ގާތްތިމާގެ މީހުންގެ ޙާލުބަލައި ހެޔޮފޯރުވާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާކުރައްވަމުންނެވެ.













