ރޭގަނޑު ހެޔޮހާލުގައި ނިދަންއޮއްވައި، ހެނދުނު ހޭލާއިރު ވާހަކަދައްކަން ދަތިވުމާއި، ހަށިގަނޑުގެ ބައެއްގެ ބާރުދެރަވުން ނުވަތަ ލޮލުގެ ފެނުން ކުއްލިއަކަށް ފުސްވުން ފަދަ އަލާމާތްތަކެއް ފެނުމަކީ ނިދީގައި ސްޓްރޯކެއް ޖެހިފައިވާކަމުގެ ނިޝާނަކަށް ވެދާނެއެވެ. މިއީ ”ވޭކް-އަޕް ސްޓްރޯކް“ ގެ ގޮތުގައި މެޑިކަލް ދާއިރާގައި ނަންދެވިފައިވާ ކަމެކެވެ. ސްޓްރޯކް ޖެހުނު ސީދާ ގަޑި ނޭނގުނުކަމުގައި ވިޔަސް، އަވަހަށް ފަރުވާ ހޯދުމަކީ ނުހަނު މުހިންމު ކަމެކެވެ.
ސްޓްރޯކެއް ޖެހެނީ ސިކުނޑީގެ ބަޔަކަށް ލޭފޮނުވައިދޭ ނާރެއް ބެދިގެން (އިސްކީމިކް ސްޓްރޯކް) ނުވަތަ ލޭނާރެއް ފަޅައިގެން ގޮސްގެން (ހެމޮރޭޖިކް ސްޓްރޯކް) އެވެ. ނިދީގައި މިފަދަ ކަމެއް ދިމާވުމުން، ހޭލެވެންދެން އަލާމާތްތައް ނުފެނި ހުރެދާނެއެވެ. މެޑިކަލް ފަރުވާގައި ”ލާސްޓް ނޯން ވެލް“ ނުވަތަ އެންމެ ފަހުން ބަލިމީހާ ރަނގަޅަށް ހުރިކަން އެނގޭ ގަޑިއަށް ބަލައި، ސިކުނޑީގެ އިމޭޖިންގ އަދި މެޑިކަލް އެސެސްމަންޓްތަކުން ފަރުވާ ދެވޭނެ ގޮތްތައް ދެނެގަނެވެއެވެ. ގަޑި ސީދާ ނޭނގުމަކީ ފަރުވާ ނުދެވޭނެ ސަބަބެއް ނޫނެވެ.
ސްޓްރޯކެއްގެ އަލާމާތްތައް ދެނެގަންނާނީ ކިހިނެއް؟
ސްޓްރޯކެއްގެ އަލާމާތްތައް ދެނެގަތުމަށް ”ބީ-އީ-އެފް-އޭ-އެސް-ޓީ“ (ބީއީއެފްއޭއެސްޓީ) ފްރޭމްވޯކް ބޭނުންކުރެވިދާނެއެވެ. އެއީ ބެލެންސް ނުވަތަ ކުއްލިއަކަށް ހަށިގަނޑުގެ މިސްރާބު އޮޅުން، އެނބުރުން އެރުން ނުވަތަ ހިނގަން ދަތިވުމާއި، އައިސް ނުވަތަ ކުއްލިއަކަށް ލޮލުގެ ފެނުން ފޯކަސް ނުވުން، ދެއެއްޗަށް ފެނުން ނުވަތަ ފެނުން އެއްކޮށް ދިއުމާއި، ފޭސް ނުވަތަ ހިނިތުންވެލަން އުޅުމުން މޫނުގެ އެއްފަރާތް އެލުމާއި، އާމްސް ނުވަތަ އަތުގެ ބާރުދެރަވުން ނުވަތަ މައްޗަށް ނެގުމުން އަތް ތިރިއަށް ވެއްޓުމާއި، ސްޕީޗް ނުވަތަ ވާހަކަދައްކަން އުނދަގޫވުން ނުވަތަ އަޑު ސާފުނުވުމުގެ އިތުރުން، ޓައިމް ނުވަތަ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އިމަރޖެންސީއަށް ގުޅުމެވެ.
މީގެ އިތުރުން ކުއްލިއަކަށް ހަށިގަނޑުން ބައެއް އައްސިވުން، އޮޅުންބޮޅުންވުން، ބޮލުގައި ގަދައަށް ރިއްސުން ފަދަ ކަންކަމަކީވެސް އަލާމާތްތަކެވެ. އަދި ވަގުތީގޮތުން އަލާމާތްތައް ފެނިފައި ރަނގަޅުވާ ”ޓްރާންސިއެންޓް އިސްކީމިކް އެޓޭކް“ (ޓީއައިއޭ) ނުވަތަ މިނީ ސްޓްރޯކަކީވެސް ވަގުތުން ފަރުވާ ހޯދަންޖެހޭ ކަމެކެވެ. ހޭލާއިރު މިފަދަ އަލާމާތެއް ފެނިއްޖެނަމަ، އަލާމާތްތައް ރަނގަޅުވި ނަމަވެސް ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަންޖެހެއެވެ.
ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވާ ސަބަބުތަކުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވޭ މަތީ ފީޑުން، ހަކުރުބަލި، ކޮލެސްޓްރޯލް މަތިވުން އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނެއެވެ. މީގެ އިތުރުން ހިތުގެ މިނަރ މައްސަލަތައް (އޭޓްރިއަލް ފިބްރިލޭޝަން) ގެ ސަބަބުން ލޭކެޓި އުފެދުމާއި، ނިދާއިރު ނޭވާލާން އުނދަގޫވާ ބަލި (އޮބްސްޓްރަކްޓިވް ސްލީޕް އަޕްނިއާ) އަކީވެސް މީގެ ނުރައްކާ ބޮޑުކުރާ ކަންކަމެވެ. ހެނދުނު ވަގުތުތަކުގައި ތަބީއީގޮތުން ފީޑުން މަތިވުމާއި، ނިދި މަދުވުމަކީވެސް މެޓަބޮލިކް ސިއްހަތަށް އަސަރުކުރާ ކަންކަމެވެ.
ސްޓްރޯކް ޖެހުމުން ދޭންވީ ފަރުވާއަކީ؟
ފަރުވާގެ ގޮތުގައި، ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ލޭކެޓި ދިޔަކުރާ ބޭސް (ތްރޮމްބޯލައިސިސް) ދެވިދާނެއެވެ. އަދި ބޮޑެތި ލޭނާރުތަކުގައި އުފެދޭ ލޭކެޓި ނެގުމަށް ”މެކޭނިކަލް ތްރޮމްބެކްޓޮމީ“ ހެދިދާނެއެވެ. ނިދީގައި ސްޓްރޯކް ޖެހޭ މީހުންނަށްވެސް ޚާއްޞަ ސިކުނޑީގެ އިމޭޖިންގ ހެދުމަށްފަހު މިފަރުވާތައް ދެވިދާނެއެވެ. މީގެ އިތުރުން ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ އެހީގައި ރިހެބިލިޓޭޝަން ފަރުވާ ދެވެއެވެ.
ސްޓްރޯކާ ބެހޭގޮތުން އާންމުންގެ މެދުގައި ހުންނަ ބައެއް ކުށްހީތަކުގެ ތެރޭގައި، މިއީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް އެކަނި ޖެހޭ ކަމެއް ކަމަށް ހީވުމާއި، ނިދާލުމުން އަލާމާތްތައް ރަނގަޅުވާނެ ކަމަށް ހީކުރުން އަދި ސްޓްރޯކް ޖެހުމުން ހަމައެކަނި ވާގިއަންނާނެ ކަމަށް ހީކުރުން ހިމެނެއެވެ. ނަމަވެސް ސްޓްރޯކް ކޮންމެ އުމުރެއްގެ މީހަކަށްވެސް ޖެހިދާނެއެވެ. އަދި ބައެއް ސްޓްރޯކްތަކުގައި ވާގިނެތުމުގެ ބަދަލުގައި އަސަރުކުރަނީ ހަމައެކަނި ވާހަކަދެއްކުމަށް، ފެނުމަށް، ބެލެންސްކުރުމަށް ނުވަތަ ވިސްނުމަށެވެ.
ސްޓްރޯކުން ރައްކާތެރިވުމަށްޓަކައި ގަވާއިދުން ނިދުމުގެ އާދަ ބެހެއްޓުމާއި، ފީޑުން މޮނިޓަރުކުރުމާއި، ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ދުންފަތުގެ އިސްތިއުމާލުނުކުރުން އަދި ގަވާއިދުން ސިއްހީ މުރާޖައާތައް ކުރުން މުހިންމެވެ. ގޮރުގޮރުލުން ނުވަތަ ނިދީގައި ނޭވާލާން އުނދަގޫވާނަމަ ޑޮކްޓަރަށް ދެއްކުން މުހިންމެވެ. ހޭލާއިރު ވާހަކަދެއްކުމަށް، ހަރަކާތްކުރުމަށް ނުވަތަ ފެނުމަށް ކުއްލި ބަދަލެއް އައިސްފިނަމަ އެއީ މަޑުކޮށްލައިގެން ތިބެންވީ ކަމެއް ނޫނެވެ. ވަގުތުން މެޑިކަލް އެހީތެރިކަން ހޯދުމަކީ ރަނގަޅުވުމުގެ ފުރުސަތު ބޮޑުކޮށްދޭނެ ކަމެކެވެ.











