މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައި، ވޭތުވެދިޔަ އަހަރުގެ ފައިދާއިން މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.
މި ޖަލްސާ ބާއްވާފައިވަނީ 29 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައެވެ. މި ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ކަމަށްވާ ”ފަހިވޯޓު“ މެދުވެރިކޮށެވެ.
ޖަލްސާގެ ބައިވެރިވުމަށް ބަލާއިރު، ޖުމްލަ 59 ހިއްސާދާރަކު އަމިއްލައަށް ބައިވެރިވެވަޑައިގެންނެވި އިރު، 14 ހިއްސާދާރަކު ވަނީ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެފައެވެ. މިއީ ކުންފުނީގެ ޖުމްލަ 7،222،560 ހިއްސާއާއެކު، ހިއްސާދާރުންގެ ނިސްބަތުން 69.75 އިންސައްތައިގެ ތަމްސީލުވުމެކެވެ.
ސަރުކާރާއި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި މި ޖަލްސާގައި ތަމްސީލުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޗެއާޕާސަން އަލްފާޟިލާ ސަޢާދާ އިބްރާހީމް (ދަފްތަރު ނަންބަރު ރސ 14819، ކ. މާލެ)، މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީ (އަލިމަސްގެ، ހއ. ހޯރަފުށި) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު އަލްފާޟިލް މުޙައްމަދު ޖަމްޝީދު (ވ. ލަކީސެވަން، ކ. މާލެ) އެވެ.
އޭގެ އިތުރުން ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު އަލްފާޟިލް ޢަލީ ނާއިލް (ހ. ފަށަން، ކ. މާލެ)، ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު އަލްފާޟިލް ޔާސީން ޙުސައިން (ހުޅުމާލެ ހިޔާ 08-01-04، ކ. މާލެ)، ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު އަލްފާޟިލް މުޙައްމަދު ޢިމްރާން ޢަދުނާނު (މ. މެއިންޒް، ކ. މާލެ) އަދި ނޮން-އެގްޒެކެޓިވް ޑިރެކްޓަރު އަލްފާޟިލް ނަޞްރަތު މުޙައްމަދު (ހެޕީނައިޓް، ގއ. ވިލިނގިލި) ވެސް ބޯޑުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާއާއެކު، އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ދެ ޑިރެކްޓަރުން ކަމަށްވާ އަލްފާޟިލް މުޙައްމަދު ޢިމްރާން ޢަދުނާނު އަދި އަލްފާޟިލް ނަޞްރަތު މުޙައްމަދުގެ ދައުރު ހަމަވެ މަގާމުން ވަކިވެވަޑައިގެންފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.
ހުސްވި މަގާމުތަކުގެ ތެރެއިން އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަންކުރާ ދެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލީ ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހު، ރ. ރަސްގެތީމު ހުދުވެލި، އަލްފާޟިލް ޙުސައިން ޙަސަންފުޅު ވަނީ ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރުގެ މަގާމަށް މި ޖަލްސާގައި އިންތިޚާބުކޮށްފައެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި މިވަގުތު ހުސްކޮށް އޮތް އަނެއް މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ބާއްވާ ޚާއްސަ އާންމު ޖަލްސާއާ ގުޅޭ އެންމެހައި އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، ވަރަށް އަވަހަށް އެކަން އާންމުކޮށް އިއުލާނުކުރާނެ ކަމަށް ކުންފުނިން ބުނެއެވެ.
ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން، މި ޖަލްސާގައި ވަނީ 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފައެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދަށް ގެނައުމަށް ހުށަހެޅި އިސްލާހުތައް ވެސް ވަނީ ފާސްކޮށްފައެވެ.
ކުންފުނީގެ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ އޮޑިޓަރުގެ ގޮތުގައި ހިއްސާދާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ޑެލޮއިޓް ޕާޓްނާސް އެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނީގެ މައިގަނޑު އަމާޒަކީ އަބަދުވެސް ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް، މާލީ ގޮތުން ކުންފުނި އިތުރަށް ހަރުދަނާކޮށް ހިއްސާދާރުންނަށް އެންމެ އެދެވޭ މަންފާ ހޯދައިދިނުމެވެ. އަދި ހިއްސާދާރުން ކުރައްވާ އިތުބާރަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން ”ރައްޔިތުންގެ ކުންފުނި“ މި ޝިއާރު ދެމެހެއްޓުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށާއި، ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓް އަދި ހުރިހާ މުވައްޒަފުން ގުޅިގެން ކުންފުނި އިތުރު ހަރުފަތްތަކަކަށް ގެންދިއުމުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަން ހިއްސާދާރުންނަށް ވަނީ ދީފައެވެ.















ފަސްރުފިޔާ އަޢްތޯ ހިއްސާއެއް ވިއްކަނީ އެންމެ ފަހުންވެސް ތިޔަ ކުންފުނިން ހިއްސާއެއް ވިއްކި އަގަކީ 62 ރުފިޔާ !!!!!!