ސަޢޫދީ ޢަރަބިއްޔާގެ މަދީނާގައި ހުންނަ މުޅި އިސްލާމީ ދުނިޔެއަށް މަޝްހޫރު ’އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ‘ އިން 100 އިސްލާމީ ޢިލްމުވެރިއެއްގެ ފޮތްތަކާއި ލިޔުންތައް ކިޔަވައިދިނުމާއި ޔުނިވަރސިޓީގެ ލައިބްރަރީތަކުގައި ބެހެއްޓުން މަނާކޮށްފިއެވެ.
ބްލެކްލިސްޓް ކުރެވުނު ޢިލްމުވެރިންގެ ތެރޭގައި 1961 ވަނަ އަހަރު މަދީނާ އިސްލާމިކް ޔުނިވަރސިޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުލާނާ އަބުލް އަޢުލާ އަލް-މައުދޫދީ އަދި ޝެއިޚް އަބުލް ޙަސަން އަލީ އަލް-ނަދްވީ ފަދަ ބޮޑެތި ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. މިއީ އިސްލާމީ ފިޤުހާއި ތާރީޚުގެ ދާއިރާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދެމުންދާ މުހިންމު ފޮތްތަކެކެވެ.
މީގެ އިތުރުން ސޫދީ ސަރުކާރުން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިވާ މަޝްހޫރު ޢިލްމުވެރިންގެ ފޮތްތައްވެސް ވަނީ މަނާކޮށްފައެވެ. މީގެ ތެރޭގައި:
– ޝެއިޚް އަބުދުލްޢަޒީޒް އަލް-ޠަރީފީ (މަޝްހޫރު ފިޤުހު އިލްމުވެރިޔާ)
– ޝެއިޚް ސަލްމާން އަލް-ޢައުދާ (އިޞްލާޙީ ޢިލްމުވެރިޔާ)
– ޝެއިޚް މުޙައްމަދު މޫސާ އަލް-ޝަރީފް (ތާރީޚީ ޢިލްމުވެރިޔާ)
– ޝެއިޚް ސުލައިމާން އަލް-ޢަލްވާން (ޙަދީޘް ޢިލްމުވެރިޔާ)
– ޝެއިޚް ނާޞިރު އަލް-ޢުމަރު އަދި ޝެއިޚް ޞަފަރް އަލް-ޙަވާލީ ހިމެނިވަޑައިގަންނަވައެވެ.
މަދީނާ ޔުނިވަރސިޓީއިން ފޮތްތައް މަނާކުރުމުގެ މާ ކުރިން، ސަޢޫދީ ވެރިކަމުގެ ސަލާމަތީ ބާރުތަކުން ވަނީ ކީރިތި ޤުރްއާނާއި، ޙަދީޘްގެ ބޮޑެތި ފޮތްތަކާއި (މިސާލަކަށް ޞަޙީޙުލް ބުޚާރީއާއި މުސްލިމް ފަދަ) އަދި އިސްލާމީ ބޮޑެތި ޢިލްމުވެރިންގެ ފޮތްތައް ހިތުދަސްކުރައްވައިގެން ތިއްބެވި ހާހުންގުނާލެވޭ ދީނީ ތަފްޞީރު ޢިލްމުވެރިންނާއި، މުޙައްދިޘުންނާއި މުޙައްޤިޤުން ޖަލަށްލާފައެވެ. އިންސާނީ ޙައްޤުތަކަށް ހުރަސްއަޅައި، އެއްވެސް ޝަރީޢަތެއްނެތި އެތައް އަހަރު ވަންދެން ޖަލުގައި ބޭތިއްބުމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައްކުރުމާއި، ސިއްޙީ ފަރުވާ ނުދީ ޖަލުގައި މަރުވާން ދޫކޮށްލުމުގެ އިތުރުން، ސިޔާސީ ކޯޓުތަކުން ޙުކުމްކޮށްގެން ގިނަ ޢިލްމުވެރިންތަކެއް ވަނީ ޤަތުލުވެސް ކޮށްފައެވެ.














